ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.

އެރަށު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލިކަން ހާމަކޮށްފައި ވަނީ އޮކްޓޯބަރު 31 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން އެރަށުގެ 2.7 ކިލޯމީޓަރު ދިގު 12 މަގެއްގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައި ވެއެވެ. އަދި އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމުކޮށް 6،564 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމު ކޮށްފައި ވެއެވެ.

އެމްޓީސީސީން މިއަދު ބުނީ އެރަށު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ ތަކެތި މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ވާ ކަމަށްވެ. އަދި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 4960 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.