އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލުން ހިންގާ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ ދަށުން، މިއަހަރުގެ ހަތަރުވަނަ ކުއާޓާގައި އެހީ ލިބޭނެ ރަށްތައް ހާމަކޮށްފިއެވެ.

އެގޮތުން ބީއެމްއެލުން ވަނީ، އަހަރެންގެ ބޭންކު ފަންޑުގެ ދަށުން، މިއަހަރުގެ ހަތަރުވަނަ ކުއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު ފަސް ޕްރޮޕޯސަލެއް ހޮވާފައެވެ. އެ ފަސް ޕްރޮޕޯސަލަކީ:

  • ނ. ހެނބަދޫގައި ބާބަކިއު ބާއްވާ ސަރަހައްދެއް ގާއިމްކުރުން - ހާމިދު ރަޝީދު
  • ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމްކުރުން - ނިއު ސްޓާ ސްޕޯޓްސް ކްލަބް
  • ފ. ފީއަލީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމްކުރުން - ފަތުހުﷲ ޝާތިރު
  • ތ. ބުރުނީގެ ރާގޮނޑި ބީޗް ތަރައްގީކުރުން - ބުރުނީ ޔޫތު ސްޕޯޓްސް ކްލަބް
  • ގދ. ތިނަދޫގައި އިސް ރަށްވެހިންނަށް ހާއްސަ ޕާކެއް ގާއިމްކުރުން - އަމީޒާ އަފީފް

މިކަމާ ގުޅިގެން ބީއެމްއެލްގެ ޕީއާރު މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ބޭންކުގެ "އަހަރެންގެ ބޭންކް" ފަންޑުގެ މަގްސަދަކީ މުޖުތަމައަށް ފައިދާކުރާނެ ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ހަމަ އެއާއެކު ސައީދު ވަނީ، މިފަހަރު ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބުނުކަން ފާހަގަކުރައްވައި، މި ބުރު ކާމިޔާބުކުރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ

"މިއިން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު." ސައީދު ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ، މިފަންޑުގެ ދަށުން މިހާތަނަށް މުޖުތަމައަށް ފައިދާކުރާ 60 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯޯރުކޮށްދީފައިވާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިއީ ބީއެމްއެލުން މި ފަންޑުގެ ދަށުން މިފަދަ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ފަސްވަނަ އަހަރެވެ.