މިދިޔަ ރިޔާސީ އިންތިހާބު އޮޅުވާލައި، އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް، ފުލުހުން ތައްޔާރު ކޮށްފައިވާ ރިޕޯޓުން ހާމަވާ ކަމަށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނީ، މިދިޔަ އިންތިހާބާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަކަށް ނަގާފައިވާ ބަޔާންތަކުން ފާހަގަކުރެވޭ ކަންކަން ބަޔާންކޮށް ތައްޔާރުކުރި ރިޕޯޓެއް ލީކުވުމާ ގުޅިގެންނެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ ކޯލިޝަނުން ބުނީ، އިންތިހާބު އޮޅުވާލާފައިކަން އެނގޭ ކަންތައްތައް ހިމެނޭ ރިޕޯޓެއް އާންމުވެފައި ވާއިރު، އެ ރިޕޯޓުގައި އާންމުން ކަންބޮޑުވާ ކަންކަން ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެ ރިޕޯޓުގެ ނުކުތާތަކަށް ބަލާލުމުން، އިންތިހާބަށް ނުފޫޒު ފޯރުވާފައި ވާކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އެގޮތުން ވޯޓު ނަގަމުން ދިޔަ ވަގުތާއި، ވޯޓުގެ ކަންކަން ނިމި ނަތީޖާތައް ހަދަމުން ދިޔައިރުވެސް އެފަދަ ކަންކަން ހާމަވެގެން ގޮސްފައިވާ ކަމަށް ބުންޏެވެ. ހަމަ އެހެންމެ، އިންތިހާބަށް އޮފިޝަލުން ނަގާފައި ވަނީވެސް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.

ހަމަ އެއާއެކު، ބޭރުގެ ފަރާތްތަކާ ގުޅިގެން އެމްޑީޕީ ކޯލިޝަނުން އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނާ ބުނުން އިދިކޮޅު ކޯލިޝަނުން ތަކުރާރު ކުރިއެވެ. އަދި ދާހިލީ ކަންކަމަށް ބޭރު ގައުމުތަކުން ނުވަނުމަށާއި، އާންމުންގެ މަސްލަހަތު ހިމެނޭ ކަންތައްތަކުގައި މިނިވަން މުއައްސަސާގެ ދައުރު ފުރިހަމައަށް އަދާ ކުރުމަށާއި، މި މައްސަލަ ތަހުގީގު ކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އެ ރިޕޯޓުގައި ޖުމްލަ 54 ނުކުތާއެއް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އިންތިހާބު ކުރިއަށް ދިޔަ ވަގުތާއި، ވޯޓު ގުނުމާއި، އޭގެ ފަހުންވެސް އެތައް ކަމެއް ހިނގިކަމަށް އެ ރިޕޯޓުގައި ވެއެވެ. އޭގެ ތެރޭގައި ފޮށި ބަލަހައްޓަން ތިބޭ އޮފިޝަލުން ފަރުވާ ކުޑަކުރި ކަމާއި، ވޯޓު ގުނަމުން ދިޔަ ވަގުތު ބައެއް އޮފިޝަލުންނަށް ބިރު ދެއްކި ކަމުގެ މައްސަލަތައް ފާހަގަ ކުރިއެވެ.

ޕީޕީއެމުން މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ، ވިދާޅުވެފައި ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އިންތިހާބުގެ އޮޅުވާލުންތައް ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ޝަރީފަށް ފާޑުވިދާޅުވެފައެވެ.