ބޯކޮށް ވާރޭ ވެހި މާލޭގެ ބޮޑު ސަރަހައްދުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަވިސްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިވަގުތު ފެން ހިންދަމުންދަނީ ޣިޔާސުއްދީން ސްކޫލާ ދިމާލު އަތިރިމަތީގައި ހުރި ބޮޑު ވަޅުގައި ޕަންޕް ބަހައްޓައިގެން ކަމަށެވެ.

މިއަދު މެންދުރު ފަހުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ އާއި ގިނަ ރަށްތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އެހެން ނަމަވެސް އެއްވެސް ގެއަކަށް ފެން ވަދެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މާލޭ މަގެއްގައި ފެން ހެދިފައި / ފޮޓޯ: ދަ ޕްރެސް

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ނ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް ހަވީރު 4 އިން މިރޭ 10 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެ އެލާޓުގައި ބުނެފައިވަނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.