އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގުތައް އުފުލެން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ކ. ގާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެބަދަލު ގެނައުމަށްޓަކައި ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރަމުން ދާ ކަމަށާއި އެކަން ހާސިލް ވާނެ އުންމީދު އެބައޮތް ކަމަށެވެ.

ހަމަ އެއާއެކު މަސްވެރިންނަށް ހަމަ އަގު ދިނުމާ އެއްވަރަށް، ސަރުކާރުން ދެން އިސްކަންދެނީ "އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް" ހޯދައިދިނުމަށް ކަމަށާއި، މަސްވެރިންނަށް އަވަހަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށްޓަކައި ސަރުކާރުން މަސައްކަތްތައް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަހުގެ އަގާ އެންމެ ގުޅޭ ބޮޑު އެއް ކަމަކީ ބާނާ މަހުގެ ކޮލިޓީ ހިފެހެއްޓުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ވަށާޖެހޭ ނިޒާމެއް ސަރުކާރުން ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓްމެންޓެއް ކުރަން ފަށާފައިވާ ކަމަށެވެ.

"މީގެ އިތުރުން، އިތުރު 12 އަތޮޅެއްގައި ޖުމުލަ 18 އައިސް ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ. އަލަށް މި ހުޅުވުނު އައިސް ޕްލާންޓް ތަކާއެކު، އަދި އިތުރަށް ގާއިމްކުރެވޭ ކުރިން މިދެންނެވި އައިސް ޕްލާންޓްތައް ނިމުމުން، ހެޔޮބަދަލަކުން ބޮޑު ތަފާތެއް ފެންނާނެ. އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15،000 ޓަނަށް ވުރެ ގިނައިން އައިސް އުފެއްދޭނެ ގާބިލްކަން ދިވެހި މަސްވެރިކަމުގެ ސިނާއަތަށް އިތުރުވެގެންދާނެ."
ރައީސް ސޯލިހު

ރައީސް މިހެން ވިދާޅުވީ، ބޮޑު ކަންނެލި ކިރާ އަގު މަތިކޮށް، ހަމަ އަގު ދިނުމަށް ގޮވާލާ ބޮޑު ކަންނެލި މަސްވެރިން މިއަދު ޝުއޫރު ފާޅުކޮށްފައި ވަނިކޮށެވެ. ބޮޑު ކަންނެލި މަސްވެރިންނާ މިއަދު ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބުމަކީ މަސްވެރިންގެ އަބަދުވެސް އޮތް ކަންބޮޑުވުމެކެވެ.