ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހާ ގުޅުވައިގެން، ބޮޑު ކަންނެލި ބާނާ މަސްވެރިން ޝުއޫރު ފާޅުކުރުމަށްޓަކައި މިއަދު ގުޅީފަޅުގައި މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ހަރަކާތުގައި ބައިވެރިވި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވަނީ މައިގަނޑު ހަތަރު ކަމެއް ރައީސަށް ހުށަހަޅާފައެވެ. އެ ކަންތައްތަކަކީ:

  • ބޮޑު ކަންނެލި ކިރާ އަގު މައްޗަށް ޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރުން
  • އިތުރު ގައުމުތަކުގެ މާކެޓުތަކުގައި ކަންނެލި ވިއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުން
  • ބާނާ ކަންނެލި ތާޒާކަންމަތީ ދެމެހެއްޓުމަށްޓަކައި ބޭނުންވާ އައިސް ލިބޭނެ އިތުރު 18 ޕްލާންޓެއް ގާއިމްކުރުން
  • މާލޭގައި ކަންނެލި އޮޑިފަހަރު ބަނދަރު ކުރެވޭނެ އިންތިޒާމެއް އެޗްޑީސީއާ ގުޅިގެން ރޭވުން

ބޮޑުކަންނެލި މަސްވެރިން ޝުއޫރުފާޅުކުރުމަށް ހިންގާ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންނެލި މަސްވެރިންގެ ހައްގުގައި އަންނަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާ ބައްދަލުކޮށް ބޮޑު ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި އެ ޔޫނިއަނުން ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އަޑު އުފުލަމުންނެވެ.

މިދިޔަ އަހަރު ވެސް މަސްވެރިންގެ ދުވަހު އެ ޔޫނިއަނުން ވަނީ ދޯނިފަހަރުގައި އެއް ސަރަހައްދަކަށް އެއްވެ މަސްވެރިންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ރާއްޖޭގައި ޓޫރިޒަމް ޕްރޮމޯޓް ކުރާ އުސޫލުން މަސްވެރިކަން ވެސް ޕްރޮމޯޓުކޮށް ކުރިއަރުވަން ޖެހޭ ކަމަށް އެ ޔޫނިއަނުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.