އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ "ކޮތަރު ކޮށި" ޖަލްސާ މާލެ ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ މިޖަލްސާ އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައެވެ. ނަމަވެސް އެޗްޑީސީން ވަނީ ހުއްދަ ނުނަގައި އެ ޖަލްސާ ހުޅުމާލޭގައި ނުބޭއްވޭނެ ކަމަށް ބުނެފައެވެ. އަދި ފުލުހުން ވަނީ ޖަލްސާގެ ތައްޔާރީތަކަށް ހުރަސް އަޅާފައެވެ.
އެކަމާ ގުޅިގެން މިއަދު ހަވީރު ދެވަނަ ފިޔަވަހީގައި އިދިކޮޅުން ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޖަލްސާ އުސްފަސްގަނޑު ސަރަހައްދަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށެވެ.
ނަމަވެސް އަނެއްކާ ވެސް މިވަނީ ޖަލްސާ ބާއްވާނެ ތަން ބަދަލު ކޮށްފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ޖަލްސާ ބާއްވަން ހުއްދަ ނުދިނުމުން އުސްފަސްގަނޑުގައި ޖަލްސާ ބޭއްވުމަށް ނިންމި ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެއީ ސަރުކާރު ބިމެއް ކަމަށާއި، އެތަނަށް ސްޓެލްކޯއިން ކަރަންޓް ގޫޅާ ނުދެވޭނެ ކަމަށް ޕާޓީއަށް އަންގާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
އެހެންކަމުން ޖަލްސާ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މިދިޔަ މަހު 30 ވަނަ ދުވަހު މިނިވަންވެ ވަޑައިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ "މަރުހަބާ ރައީސް ޔާމީން" ގެ ނަމުގައި އިދިކޮޅުން ވަނީ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް މީގެ ދެ އަހަރު ކުރިން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފީ މަރުހަލާގައި މިދިޔަ ނޮވެންބަރު 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޔާމީން މިނިވަން ކޮށްފައެވެ. އަދި މިހާރު ރ. ފުއްގިރި އަދި ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓު ހިފެއްޓުމުގެ އަމުރަކަށް ކޯޓުގައި އެދިފައެވެ. އެހެންނަމަވެސް ޔާމީންގެ ޕާސްޕޯޓު މުއްދަތް ހަމަވެފައިވާތީ އެ އަމުރެއް ކޯޓުން ނުދިނެވެ.