ބޭންކް އޮފް މޯލްޑިވްސް އިން ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށް ދޭން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ، އަންނަ އަހަރުގެ ނޮވެންބަރު މަހު އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެ ހަރަކާތްތަކުގެ ތެރެއިން ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް އެ ބޭން ކުން ބުނެއެވެ.

އެގޮތުން މިއަދު ގައުމީ ކުތުބުހާނާގައި ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. އެ ހަފްލާގައި ކުތުބުހާނާ ތަރައްގީ ކުރުމަށް ބޭންކުން ވަނީ ގައުމީ ކުތުބާހާނާއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެެވެ. މި އެމްއޯޔޫގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އެވެ. ކުތުބުހާނާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އާޓްސް, ކަލްޗާ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގް އެވެ. މިހަފްލާގައި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އެގްޒެކެޓިވް މެނޭޖްމަންޓްގެ މެންބަރުން ބައިވެރިވަޑައިގެންނެވިއެވެ.

"ލައިބްރަރީތަކަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ މުހިންމު ބައެއް. ގައުމީ ކުތުބުހާނާ އަކީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީ ކުރުމަށް މުހިންމު ތަނެއް އަދި ހަމައެއާއެކު ހުރިހާ އުމުރުފުރަޔަކަށްވެސް ބޭނުންވާ މައުލޫމާތު ހޯދުމަށް މުހިންމު ވަސީލަތެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން ކުތުބުހާނާއަށް ބަދަލުގެނެސް މިފަދަ ބޮޑު ތަރައްގީގެ މަސައްކަތެއް ކޮށްދެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މިއީ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ދެވަނަ ޕްރޮޖެކްޓް. އަދި މިފަދަ މުޖުތަމައަށް ފައިދާ ކުރާނެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ."
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ

ބީއެމްއެލް އިން ބުނީ، އެ ޕްރޮޖެކްޓްގެ ދަށުން ގައުމީ ކުތުބުހާނާގެ މެއިން ރީޑިން އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިން އެންޑް ރިސާޗް ރޫމް, މޭކާސް ސްޕޭސް ރޫމްގެ އިތުރުން ނެޝަނަލް ކަލެކްޝަން ރޫމު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މީގެ އިތުރުން ކުތުބުހާނާގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުން ކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓާ ސިސްޓަމްތައް އަޕްގްރޭޑް ކުރުމާއި, ކުތުބުހާނާ އިން ކުރިއަށް ގެންދާ ޑިޖިޓައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ހަދިޔާކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ބޭންކުން ބުނެއެވެ.

މީގެ އިތުރުން މުޅިން އަލަށް ކުތުބުހާނާގައި އޯޑިއޯ ރިކޯޑް ކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީ ކުރުމަށ ްވެސް ވަނީ ހަމަޖެހިފައެވެ. އަދި ގައުމީ ކުތުބުހާނާގެ ފޮތްތައް މިހާރަށް ވުރެ ބޮޑަށް ރައްކާތެރި ކުރުމުގެ ގޮތުން ކުތުބުހާނާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ބޭންކުން ވަނީ ފުރަތަމަ ހަރަކާތުގެ ގޮތުގައި "ބީއެމްއެލް ސްކޮލާޝިޕް ފަންޑު' ތައާރަފް ކޮށްފައެެވެ. ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ހަރަދަކާ އެކު ރާއްޖޭން ބޭރުން ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން 3 ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފަންޑުގެ އަމާޒަކީ މި ދާއިރާ އިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމެވެ.