ވެންޓިލޭޓަރުތަކުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނެއްކާ އަނބުރާ އޭސީސީއަށް ފޮނުވައިފިއެވެ.
ޕީޖީއިން ވަނީ ވެންޓިލޭޓަރު ތަކުގެ މައްސަލަ އިސްލާހު ކުރުމަށް ފަހު އަލުން ހުށަހެޅުމުން އޭސީސީއަށް އެ މައްސަލަ އަނެއްކާވެސް އަނބުރާ ފޮނުވާލައިފައެވެ.
ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގި ކަމަށް ބުނެ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި މީގެކުރިން އޭސީސީން ޕީޖީ އަށް ފޮނުވިއެވެ. އެކަމަކު، ޕީޖީން ވަނީ އެފަހަރުވެސް މައްސަލައިގެ ތަހުގީގު ފުރިހަމަ ނޫން ކަމަށް ބުނެ، އެ ތަހުގީގު ފުރިހަމަ ކުރަން އަންގައިފައެވެ.
އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް އެދިފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.