ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުކުރަން އެމްޕީއެލަށް ދީފައިވާ މުއްދަތު އަންނަ އާދީއްތަ އަށް ހަމަވާތީ، ޓީޖެޓީ އާ ހަވާލުވުމަށް ކައުންސިލުން ކުރަންޖެހޭ ކަންކަން ފަށަން ފާސްކޮށްފިއެވެ.

ސިޓީ ކައުންސިލާ ޓީޖެޓީ އަނބުރާ ހަވާލުކުރަން އެމްޕީއެލަށް ދިން ތިން މަސްދުވަހުގެ މުއްދަތު އަންނަ އާދީއްތަ އަށް ހަމަވާނެއެވެ. އެހެންވެ ކައުންސިލްގެ އާންމު ޖަލްސާއިން ވަނީ ޓީޖެޓީ އާ ހަވާލުވާން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފާސްކޮށްފައެވެ.

ކައުންސިލްގެ މައިގަނޑު ޝަކުވާއަކީ ޓީޖެޓީ ސަރަހައްދު އެމްޕީއެލްގެ ދަށުގައި އޮންނާތީ މާލޭގެ ރައްޔިތުންނަށް އެތަނުން އެއްވެސް ފައިދާއެއް ނުކުރާ ކަމެވެ. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ އެތަނުން ލިބޭ އާމްދަނީން ރައްޔިތުންނަށް ގިނަ ހިދުމަތްތައް ކޮށްދެވޭނެ ކަމަށެވެ.

އެމްޕީއެލާއެކު ސަރުކާރުން ހެދި އެއްބަސްވުން ހަމަވެފައި ވާއިރު، ޓީޖެޓީ އޮތީ ގާނޫނީ ގޮތުން އަދިވެސް ކައުންސިލްގެ ދަށުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭރު ޓީޖެޓީ ކައުންސިލްގެ ދަށުގައި އޮތްއިރު، އެތަން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އޭރު މުއިއްޒަކީ ހައުސިން މިނިސްޓަރެވެ.