ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތައް ކުރަމުން ދާއިރު އިޝާރާތުގެ ބަހުން ޖަލްސާގައި ކަންތައްތައް ހިނގާ ގޮތް އަންގައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ، ޖަލްސާތަކުގެ ލައިވް ފީޑުގައި މަޖިލީހުގައި ކަންތައްތައް ކުރިއަށް ދާގޮތް އިޝާރާތުގެ ބަހުން ދައްކައިގެން ދެނެގަނެވެން އޮތްތޯ، މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔަ ޔޫތު ޕާލިމެންޓް ޕްރޮގްރާމްގެ ބައިވެރިވި ޒުވާނަކު ސުވާލު ކުރުމާ ގުޅިގެންނެވެ.

ޒުވާނާގެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ބައްލަވާނެ ކަމަށާއި، މިވަގުތު އަދި އެ ކެޕޭސިޓީ ނެތް ކަމަށެވެ. އަދި އެކަމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާތީ، ނަޝީދު ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ޔޫތު ޕާލިމެންޓް ޕްރޮގްރާމްގެ މަގްސަދަކީ، ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، މުސްތަގުބަލުގައި ޒުވާނުން ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ހިތްވަރު ދިނުމެވެ.

މިހާރުވެސް ބައެއް އިދާރާތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ތަކުންނާއި، ޓީވީން ވަގުތުން ދައްކާ ބައެއް ހަފްލާތަކުގައި ކަން ހިނގާ ގޮތް އަނގައިދިނުމަށްޓަކައި އިޝާރާތުގެ ބަހުރުވަ ބޭނުން ކުރާކަން ފާހަގަ ކުރެވެއެވެ.