ޓެރަރިޒަމްގެ ހަމަލާތައް ފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި ގައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބުގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި، ޖޮއިންޓް އިންޓާ އޭޖެންސީ އޮޕަރޭޝަން ސެންޓަރު (ޖަޔޮކް)ގެ ނަމުގައި ގާއިމްކޮށްފައިވާ ސެންޓަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި އެމްއެންޑީއެފްގެ ލީޑާޝިޕުގެ ފަރާތްތަކުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ޖޮއިންޓް އިންޓާ އޭޖެންސީ އޮޕަރޭޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޑިފެންސް މިނިސްޓްރީ

މިނިސްޓްރީން ބުނީ ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ހަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުން ކަމަށެވެ.

ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތްރެޓްތައް ނުވަތަ ގައުމެއްގެ ބޯޑަރު ފަހަނައަޅާ، މުޅި ސަރަހައްދަށް އޭގެ ބިރާއި ނާމާންކަން ފެތުރިފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކްރޮސްބޯޑާ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ، ސަލާމަތީ ނަޒަރަކުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ 2019 ވަނަ އަހަރު، ސަރުކާރުން ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހި ގައުމާއި ރައްޔިތުންނަށް އޮތް ނުރައްކަލެއްކަން ދެކިގެން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ "ޒީރޯ ޓޮލަރެންސް ޕޮލިސީ"އެއް ކަން އިއުލާންކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު، ރައީސް ސޯލިހުގެ ސަރުކާރުން އިސްނަގަގެން، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަން ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ އިސްލާހުގައިވާ ކަންކަން ތަންފީޒުކުރަން، ރައީސް އޮފީހުން ކުރި ބުރަ މަސައްކަތުން، މުޅިން އަލަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި މިއަދު މިހުޅުވުނު "ސްޓޭޓް އޮފް ދަ އާޓް" އަދި "ނެޓްވޯކް ސެންޓްރިކް ކަނެކްޓިވިޓީ" ގާއިމްކޮށްފައިވާ ޖޮއިންޓް އިންޓާއޭޖަންސީ އޮޕަރޭޝަން ސެންޓާ (ޖަޔޮކް) ވުޖޫދަށް ގެންނެވުމަށް މިނިސްޓަރު މާރިޔާ ހާއްސަ އިސްކަމެއް ދެއްވާފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޖޮއިންޓް އިންޓާ އޭޖެންސީ އޮޕަރޭޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޑިފެންސް މިނިސްޓްރީ

މިސެންޓަރަކީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ސޯލިހު ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" ތަންޒުކޮށް، މި ސިޔާސަތަށް އަމަލީ ސިފަ ގެންނެވުމަށް އެމަނިކުފާނުގެ ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަމާއި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހައްމިއްޔަތު މިކަމުން ހާމަވާ ކަމަށް މިނިސްޓްރީން ބުނެއެވެ.