މިދިޔަ ޖުލައިގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ އާދީއްތަ ދުވަހު 6،269 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށާއި، މިއީ އަލުން ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނައިން ފަތުރުވެރިން އައި ދުވަސް ކަމަށެވެ. މީގެ އިތުރުން މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު 6،083 ފަތުރުވެރިން އައިސްފައިވާއިރު، އެމަހުގެ 16 ގައި 6،197 ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މިއަހަރު އައިސްފައިވަނީ މިދިޔަ މަހުގައެވެ. އެގޮތުން މިދިޔަ މަހު 144،725 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ދުވާލަކު އެވަރެޖްކޮށް 4،824 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.16 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާ ވަނީ ރާއްޖެއަށް އައިސްފައެވެ.