އައްޑޫ ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުރި މީހަކު ދެ ފުލުހެއްގެ ލޮލަށް ބްލީޗް ޖަހައިފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުރި މީހަކު އެ ސްޓޭޝަންގައި މަސައްކަތް ކުރާ ދެ ފުލުހެއްގެ ލޮލަށް ބްލީޗް ޖަހާފައިވާ ކަމުގެ މައުލޫމާތު އިއްޔެ ހަވީރު 4:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ދެ ފުލުހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފުވާގޮތެއް ނުވިއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.