ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ޑިވެލޮޕް ކޮށްފައިވާ ބީލަން ޕޯޓަލް ލޯންޗު ކޮށްފިއެވެ.
މި ޕޯޓަލް ލޯންޗު ކޮށްފައި ވަނީ މިއަދު އެކަމަށް ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މިއަދަކީ ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ނިޒާމް އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެމުން ދާ މަސައްކަތުގައި ކުރިއަށް ފިޔަވަޅެއް އެޅިގެންދާ ދުވަހެއް ކަމަށެވެ.
މިގޮތުން މިއަދު އިފްތިތާހު ކުރި މި ޕޯޓަލްއަކީ ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާ ގުޅިގެން ބަލައިގަނެވޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ޑިވެލޮޕް ކޮށްފައިވާ ބީލަން ޕޯޓަލްއެއް ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ.
މިއަދު މި ލޯންޗުކުރެވުނު ޕޯޓަލް ފަރުމާކޮށްފައި ވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެ ގޮތަށް ކަމަށާއި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިން ވެސް އިސްތިސްނާ ވެގެން ނުވާކަން މިނިސްޓްރު ފާހަގަ ކުރެއްވިއެވެ.
އަމީރު ވިދާޅުވީ ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންނަކީ ޕްރޮކިއުމަންޓާއި އޭގެ ސިޔާސަތުތަކުގެ މުހިއްމުކަން ދަނެގެން އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އާ ގުޅިގެން ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
މިގޮތުން އަމާޒަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ޓްރެއިނިން ޕްރޮގްރާމް ވުޖޫދަށް ގެނެސް އެ އަހަރުގެ ފުރަތަމަ ދެ ކުއާޓާ ނިމުމުގެ ކުރިން ދައުލަތުގެ އެކި އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ 1200 އަށް ވުރެ ގިނަ މުވައްޒަފުން މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރުން ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދައުލަތުގެ އޮފީސްތަކަށް ހުށަހަޅާ ބިލްތަކަށް ފައިސާ ލިބިމުގައި ދިމާވާ ދަތިތައް ކަމަށާއި މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ދައުލަތުގެ ކޮންމެ އޮފީހަކަށްވެސް ބިލް ހުށަހެޅޭ ފުރަތަމަ ތާރީހުން ފެށިގެން މިނިސްޓްރީއަށް އެ ބިލް ޓްރެކް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ކުރިއަށް ދާކަމަށެވެ.
އަމީރު ވަނީ ބީލަން ޕޯޓަލްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ޕްރޮކިއުމަންޓްގައި ހަރަކާތްތެރިވާ މުވައްޒަފުންނަށާއި ބީލަންވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.