ދިވެހި ސިފައިންނާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނަކަށް އިންޑިއާ ސިފައިންގެ ފައުޖެއް މިއަދު ރާއްޖެ އައިސްފިއެވެ.
އިންޑިއާ ސިފައިންގެ ފައުޖު ރާއްޖެ އައިސްފައި ވަނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ "އެކްސަސައިޒް އެކުވެރިން" ތަމްރީނަށެވެ. މި ތަމްރީން ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ޕްރޮގްރާމެކެވެ.
ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 19 ގެ ނިޔަލަށެވެ.
ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ޓެރަރިޒަމާ ގުޅޭ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމާއި ތަޖުރިބާ ހިއްސާކުރުން މި ތަމްރީންގައި ކުރިއަށް ގެންދާނެ އެވެ. މި ތަމްރީން ޕްރޮގްރާމުގެ މައުލޫމާތު އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް ދިވެހި އަސްކަރިއްޔާ އިން އަދި އިންޑިއާ ސިދފައިންގެ ފައިޖެއް އައުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް މީޑިއާއާ ހިއްސާ ކޮށްފައެއް ނުވެއެވެ.
ދިވެހި ސިފައިންނާއި އިންޑިއާގެ ސިފައިން ގުޅިގެން މީގެ ކުރިންވެސް ވަނީ ތަފާތު ހަރަކާތްތައް ހިންގާފައެވެ. އެގޮތުން އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާ ހިމެނޭ ގޮތަށް މިދިޔަ މަހުގެ ތެރޭގައި ވެސް އަސްކަރީ ތަމްރީންތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ.
ހަމައެއާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ އިންޑިއާއިން އައި އަސްކަރީ ޑޯނިއާގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމުގެ އޮޕްރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު މަހުގެ 26 ވަނަ ދުވަހު ސާފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސުނޭނާ" ވެސް ރާއްޖެ އައިސް އެ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހާ ދެމެދުގެ މުއްދަތެއްގައި ވަނީ އެ ތަމްރީނުގައި ބައިވެރިވެފައެވެ. އަދި އެ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ އިތުރު މަނަވަރެއް ރާއްޖެ އައިސްފައި ވެއެވެ. މީގެ އިތުރުން އިންޑިއާގެ އަސްކަރީ 2 ބޯޓު ހަނިމާދޫގައި ވެސް ވަނީ ޖައްސާފައެވެ.