ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ 2 ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް މާދަމާ ތާވަލު ކޮށްފައި ވަނީ ހެނދުނު 9 ޖަހާއިރަށެވެ.

އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.

މިދިޔަ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު އުފުލި ދައުވާ ތަކަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު (2014/10) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާ ހަވާލާދީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި އެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ (2014/9) ގެ 510 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

ފުއްގިރީގެ މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ.

މި މައްސަލާގައި ޖޫން 28، 2020 ގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ، ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ތިންވަނަ ނަންބަރާއި ހަވާލާދީ އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިން ކުށުގެ ދައުވާއެވެ.

ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ނޮވެންބަރު 28 ،2019 ވަނަ ދުވަހު 5 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ދައްކަން ހުކުމް ކޮށްފައެވެ. އެހެންނަމަވެސް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ރައީސް ޔާމީން ވަނީ މިދިޔަ ނޮވެންބަރު 30 ވަނަ ދުވަހު މިނިވަންވެ ވަޑައިގެންފައެވެ. ހަމަ އެދުވަހު ޔާމީން ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ އަދި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމަކީ ޕީޖީއިން އަބަދުވެސް އަމަލުކުރާ އެސްއޯޕީގައި އޮންނަ ކަމެއް ކަމަށާއި ޔާމީންގެ އިތުރުން މަނީ ލޯންޑަރިންގެ މައްސަލާގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފައި ވާނެ ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.