އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނައަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކުރުމުގެ ގޮތުން “ކޮމްބެޓިން ޑޮމެސްޓިކް ވަޔަލެންސް ގެ ނަމުގައި ޖެންޑާ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަހު 6 އިން 9 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ މިނިސްޓާ އޮފް ސްޓޭޓް ޒިފްލީނާ ހަސަން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ރަސްމިއްޔާތުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސާ އިބްރާހިމް ތައްޔިބު ބައިވެރިވެ ވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުނެއެވެ..

މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ އަމާޒުކުރެވިފައިވަނީ މިނިސްޓްރީގައި މަސައްކަތް ކުރާ ސޯޝަލް ވޯކަރުންނަށް ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމަކީ ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށާއި ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެގޮތާއި ގުޅޭގޮތުން ބާއްވާ ތަމްރީން ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާނެގޮތާއި ގުޅޭގޮތުން ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ތަމްރީންކުރުން ވެސް މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ފަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ތަމްރީނުގައި މިނސްޓްރީގައި މި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީނު ކުރާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 25ން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނަލްގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކޮށް އަދި ދިމާވާ ގޮންޖެހުންތަކާއި އިތުރަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމުގެ މަގްސަދުގައި 16 ދުވަހުގެ ކެމްޕެއިން އެއް ގިންގާ ކަމަށް މިނިސްޓްރީން ބުނެއެވެ.