ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ރިވެލި އެވޯޑު ދިނުމަށް ރޭ ވަނީ ޖައްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި 5 ދާއިރާއަކުން، 7 ފަރާތެއް ވަނީ ރިވެލި ތަރި ހާސިލް ކޮށްފައެވެ. އަދި 5 ދާއިރާއަކުން 6 ފަރާތެއް ވަނީ ރިވެލި އެވޯޑު ހާސިލް ކޮށްފައެވެ. މީގެ ތެރެއިން އެކަކަކީ އިހަވަންދޫ ސްކޫލުގެ ޑައިމަންޑް ކުލާހުގެ ދަރިވަރު މުހައްމަދު މާއިޒުއެވެ.
މި ޖަލްސާގައި މާއިޒު ވަނީ އޭނާގެ ހިތުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. މިގޮތުން މާއިޒު ވަނީ ރެއަކީ އޭނާގެ ހަޔާތުގައި ވަރަށް އުފާވެރި ރެއެއް ކަމަށާއި އެއީ ރެއަކީ އޭނާގެ ހާޔާތުގައި އެންމެ ފުރަތަމަ ފަހަރު އެވޯޑެއް ލިބުނު ރޭ ކަމަށް ބުނެފައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަމުން މާއިޒު ބުނީ ލޯތްބާއި އޯގާތެރި ކަމަކީ ކޮންމެ އިންސާނަކަށް ބޭނުވާނެ އެއްޗެއް ކަމަށާއި އެއީ ދިިރިއުޅުމުގައި ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި މި މުޖުތަމައުގައި އެހެން މީހުންނަށް ވުރެ ބޮޑަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލޯތްބާއި އޯގާތެރިކަން މިއަދު ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މާއިޒު ވަނީ މިފަދަ ދުވަހެއް ފާހަގަ ކުރާތީ ލޯތްބާއި އަޅާލުން ދޭކަން އިހުސާސް ކުރެވޭ ކަމަށް ބުނެފަވެ. އަދި އެކަމަށްޓަކައި އެންމެނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މާއިޒުގެ ވާހަކަގައި އޭނާ ވަނީ ކޮންމެ ކުއްޖަކީ ވެސް ތައުލީމު ހާސިލް ކުރަން ބޭނުންވާނެ ކުއްޖެއް ކަމަށާއި ކޮންމެ ކުއްޖަކީ ވެސް ސުކޫލަށް ގޮސް ކިޔަވަން ބޭނުންވާނެ ކުއްޖެއް ކަމަށް ބުނެފައެވެ. ނަމަވެސް ތައުލީމީ ދާއިރާއިން ފުރުސަތުތައް ހަނިކަން އޭނާ ފާހަގަ ކުރިއެވެ.
މީގެ އިތުރުން މިސްކިތައް ގޮސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ވެސް އޭނާ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.
މާއިޒު ވަނީ މަންމަމެން ވާ ގުރުބާނީ ހަނދާނުން ފިލުވާލަން އުނދަގޫ ކަމަށާއި، މަންމަމެން ވެފައި ވަނީ މަތިވެރި ގުރުބާނީ ތަކެއް ކަމަށް ބުނެފައެވެ. އަދި މަންމަމެން ކޮށްދޭ ކަންތައްތަކުގެ ބަދަލެއް ނުދެވޭނެ ކަމަށާއި އަދި އެއީ އަގު ނުކުރެވޭހާ ހިދުމަތްކަމަށް ބުނެފައެވެ. އޭނާ ބުނީ މިކާމިޔާބީގެ އަސްލަކީ މަންމަ އާއި ބައްޕަގެ ބުރަ މަސައްކަތް ކަމަށެވެ. އަދި އެނާ ވަނީ އެކަމަށް ޝުކުރު އަދާކޮށްފައވެެ.
މާއިޒު ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހެޔޮގޮތުގައި ހިދުމަތް ކުރަން މާތް ﷲ ފުރުސަތު ދެއްވާފައިވާ ކަމަށެވެ. އަދި އެފުރުސަތުގެ ބޭނުން ހިފައިފިނަމަ މިއަދު މި ފުރުޅޮލީ ގޮޑީގައި އިންނަ ދުވަހު ލޯތްބާއި އޯގާތެރިކަމާއި އަދި އަޅާލުން އިތުރު ވެގެންދާނެ ކަމަށެވެ.
މާއިޒުގެ ވާހަކަތއް އަޑުއަހާ އެތައް ބައެއްގެ ލޮލުން ކަރުނަ އޮހެރިފައި ވާއިރު އެވާހަކަތައް އަޑުއަހާ އެންމެން ވަނީ އޭނާއަށް ހޫނު އަތްތިލަބަޑިއެއް ދީފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ސްޓޭޖު މައްޗައް ވަޑައިގެން އޭނާއަށް ހިތްވަރު ދެއްވާފައެވެ.