އައްޑޫ ސިޓީ މޮނިޓަރިންގައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މިދިޔަ އޮގަސްޓު މަހު އައްޑޫން ކޮވިޑް-19 ފެނިގެން، އެ ސިޓީގެ ހުޅުމީދޫ އަވަށް ފިޔަވައި ދެން ހުރި ހުރިހާ އަވަށެއް މޮނިޓަރިންނަށް ލާފައިވަނީ އޮގަސްޓު 28 ގައެވެ. ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ހުޅުމީދޫވެސް ވަނީ މޮނިޓަރިންނަށް ލާފައެވެ.

އިއްޔެވެސް އައްޑޫން 15 މީހުން ޕޮޒިޓިވްވެ، ޖުމްލަ 2،849 މީހުން އެ ސިޓީން ޕޮޒިޓިވްވެފައިވާއިރު، އަދިވެސް ބަލިން ފަސޭހަނުވެ 237 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން 172 މީހުންނާއި، މަރަދޫފޭދޫން ހަތަރު މީހުންނާއި، ފޭދޫން ފަސް މީހުންނާއި، މީދޫން 21 މީހުންނާއި، ހުޅުދޫން ނުވަ މީހުންނާއި، މަރަދޫން 25 މީހުން، އަދި އެހެނިހެން ހިސާބުތަކުން އެންމެ މީހެކެވެ.

އައްޑޫގެ އިތުރުން ދެން މޮނިޓަރިންގައިވާ ރަށްތައް

  • މ. މުލައް
  • ނ. މިލަދޫ
  • ރ. މަޑުއްވަރީ
  • ނ. ވެލިދޫ
  • ށ. ކޮމަންޑޫ
  • ބ. ދަރަވަންދޫ
  • އދ. މަހިބަދޫ

އެހެންކަމުން އައްޑޫގެ ފަސް އަވަށުގެ އިތުރުން މިހާރު މޮނިޓަރިންގައި އޮތީ ހަތް ރަށެކެވެ.

ރާއްޖޭގައި ޖުމްލަކޮށް ކޮވިޑު ކޮންޓްރޯލް ކުރެވި، މާލޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރެވިފައިވީ ނަމަވެސް، ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް އަދިވެސް ބަދަލެއް ނާދެއެވެ.