އެމްޑަބްލިއުއެސްސީން ށ. ފީވަކުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިއަދު އިފްތިތާހު ކޮށްފިއެވެ.

މި މަޝްރޫގެ މަސައްކަތް އިފްތިތާހުކޮށް ދެއްވާފައި ވަނީ، އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއަޔާތެއްގައި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އާއި، ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އަދި ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން އެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެގޮތުން މިހާރު އެ ރަށުގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ވަނީ އެ ރަށަށް ފޮނުވާފައެވެ. އަދި މި މައްސައްކަތުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ އިރު، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގެ 33 ޕަސަންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫގެ ދަށުން ފީވަކުގައި 9.18 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ވިގެންދާނެއެވެ. މީގެ އިތުރުން މި މަޝްރޫގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ފެންތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ފީވަކުގެ ފެނުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫގެ އަގަކީ 49.60 މިލިއަން ދިވެހި ރުފިޔާއެވެ.