ހއ. ކެލާގައި ވަކި މުއްދަތަކަށް ކަނޑޫ ހޮވުން މަނާ ކޮށް، މަރުވެފައިވާ ކަނޑޫގަސްތައް ވިއްކުމަށް އެ ރަށުގެ ކައުންސިލުން ނިންމައިފިއެވެ.
ކެލާގެ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގެ ކަނޑޫފަޅުގައި މަރުވެފައިވާ ކަނޑޫގަސްތައް އެ ސަރަހައްދުން ނަގައި އަލުން ކަނޑޫ އިންދުމުގެ މަސައްކަތް ކުރަން ކައުންސިލުން ނިންމާފައިވާ ކަމަށާއި، އެކަން ކުރުމަށްޓަކައި ކަނޑޫފަޅުގައި ހިކިފައިވާ ކަނޑޫގަސްތައް ވިއްކަން ބޭނުންވާ ކަމަށެވެ.
އަދި ހިކިފައިވާ ކަނޑޫގަސްތައް ވިއްކާނެ އަގުތައް ކައުންސިލުން ކަނޑައަޅާފައިވަނީ އީޕީއޭ އިން ކަނޑައަޅާފައިވާ ކަނޑޫފާތައް ބެލެހެއްޓުމުގައި ކައުންސިލްތަކުން މަރުވެފައިވާ ކަނޑޫގަސްތަކާ މެދު އަމަލުކުރަން ޖެހޭ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ކަނޑޫގަސްތައް ވިއްކުމަށް ކެލާގެ ކައުންސިލުން ކަނޑައަޅާފައިވާ އަގުތައް
- ވަށަމިނުގައި 10 ސެންޓިމީޓަރު ނަމަ ހިލޭ
- ވަށަމިނުގައި 10 ސެންޓިމީޓަރާއި 20 ސެންޓިމީޓަރާ ދެމެދު ނަމަ ފަސް ރުފިޔާ
- ވަށަމިނުގައި 20 ސެންޓިމީޓަރާއި 30 ސެންޓިމީޓަރާ ދެމެދު ނަމަ 10 ރުފިޔާ
- ވަށަމިނުގައި 30 ސެންޓިމީޓަރަށް ވުރެ ބޮޑުވެފައި އިތުރުވާ ކޮންމެ ސެންޓިމީޓަރަކަށް 50 ލާރި
ހިކި ކަނޑޫ ބޭނުންވާ ފަރާތްތަކުން ކައުންސިލުން ދޫކުރާ ފޯމް ފުރިހަމަކުރުމަށް ފަހު އިދާރާއަށް ހުށަހަޅަން ކެލާގެ ކައުންސިލުން ވަނީ އެދިފައެވެ.
އަދި އިއްޔެއިން ފެށިގެން ހަ މަސްދުވަސް ވަންދެން އެ ރަށުގެ ކަނޑޫފަޅުން ކަނޑޫ ހޮވުން ވަނީ މަނާކޮށްފައެވެ.