އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ދޫކުރި ގޯތިތަކުގެ މައްސަލާގައި އެ ގޯތިތައް އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން މިދިޔަ ބުދަ ދުވަހު ބުނެފިއެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކައިރިން ދޫކޮށްފައިވާ 35 ބިމެއް ދައުލަތަށް ނެގުމަށް ފަހު، އޭގެ ބަދަލުގައި އައްޑޫގެ ކައުންސިލުން ނިންމީ ހިތަދޫ ސަރަހައްދުން ބިން ދޫކުރުމަށެވެ. އެ މައްސަލާގައި 14 މީހަކު ހިތަދޫގެ ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު، އޭގެ ތެރެއިން ހަތް މައްސަލައެއް ސިޓީ ކައުންސިލާ ދެކޮޅަށް، އަދި ބާކީ މައްސަލަތައް ނިންމީ ކައުންސިލާ އެއްކޮޅަށެވެ. ކައުންސިލާ އެއްކޮޅަށް ނިންމި މައްސަލަތައް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

ހިތަދޫ ކޯޓުން މައްސަލަ ކާމިޔާބު ނުވުމުން، ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރި ހަތް މީހުން އެދުނީ ހައިކޯޓުން މައްސަލަ ބަލާ ނިމެންދެން ގޯތިތައް ދައުލަތަށް ނެގުން މަޑުޖައްސާލުމުގެ އަމުރެއް ނެރެ ދިނުމަށެވެ.

ނަމަވެސް ހައިކޯޓުން ބުނީ އެ މައްސަލަތަކުގެ އަޑުއެހުންތައް ބުދަ ދަުވަހު ނިންމާލާފައި ވާތީ އާއި، ދެ ފަރާތުގެ ވާހަކައަށް ބެލުމަށް ފަހު ވަގުތީ އަމުރު ނުނެރުމުން އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށް ނުފެންނާތީ ވެ، ގޯތިތައް އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހާތިފް ހިލްމީ ރިޔާސަތު ބަލަހައްޓަވާ ބެންޗުންނެވެ. އެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.

ގޯތިތަކުގެ މައްސަލާގައި ހިތަދޫ ކޯޓުން ކާމިޔާބު ނުވި މައްސަލަ ހަތް މީހުންގެ ފަރާތުން އިސްތިއުނާފު ކޮށްފައި ވާއިރު، އައްޑޫ ކައުންސިލަށް ކާމިޔާބުނުވި ހަތް މައްސަލަވެސް ވަނީ އިސްތިއުނާފު ކޮށްފައެވެ.