ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 95 މައްސަލަ މިދިޔަ އޮކްޓޫބަރު މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ތަކުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން އެ ބާވަތުގެ 30 މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ.

އެބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 20 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ ނުވަތަ ފުރައްސާރައިގެ ޝިކާރަ އަކަށް ވުމުގެ 5 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ 2 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 24 މައްސަލަ އޮކްޓޫބަރު މަހު ހުށަހަޅާފައި ވާއިރު އެ ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލަ، ރުޅި އިސްކުރުން / ރުޅި ގަދަވެގެން އުޅުމުގެ 11 މައްސަލަ، ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލަ އަދި އެހެން ކުދިންނަށް އިންޓާނެޓް މެދުވެރިކޮށް ގަނާކުރުމުގެ 01 މައްސަލަ އަދި އިތުރު 1 މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 4 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓު ކޮށްފައެވެ. އެއީ ތައުލީމަށް ހުރަސްއެޅުމުގެ 2 މައްސަލަ، ވެކްސިން ނުދިނުމުގެ (ކުދިންނަށް) 1 މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސް އެޅުން / ނުދިނުމުގެ 1 މައްސަލައެވެ.

ގާނޫނާއި ގާވާއިދާ ހިލާފުވުމުގެ 11 މައްސަލަ ހުށަހަޅާފައިވާއިރު އެއީ އިތުރު 7 މައްސަލައާއި ވައްކަން ކުރުމުގެ 5 މައްސަލައެވެ. އާއިލީ 24 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެ ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 12 މައްސަލަ އަދި ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 12 މައްސަލަ ހިމެނެއެވެ.

އޭގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލަ އޮކްޓޫބަރު މަހު ހުށަހަޅާފައިވާއިރު އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުން 13 މައްސަލައެވެ. އެބާވަތުގެ މައްސަލަތަކުގެ އިތުރުން، ނަފްސާނި އަނިޔާ ނުވަތަ އަނގަބަހުން އަނިޔާކުރުމުގެ 10 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 4 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 3 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 2 މައްސަލަ، ޖިންސީ ފުރައްސާރަ ކުރުމުގެ 2 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ 2 މައްސަލަ އަދި މާލީ / އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 13 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 2 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 7 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޮކްޓޫބަރު މަހު ދައުލަތުގެ ބެލުމުގެ ދަށަށް 5 ކުއްޖަކު ނަގާފައިވާއިރު 02 ކުދިން ވަނީ ރީއިންޓާގްރޭޓް ކޮށްފައެވެ.

މިނިސްޓްރީން ބުނީ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމުލަ 210 ކުދިން ކަމަށެވެ.