ވައިގެ މަގުން ރާއްޖެއައި ބްރެޒިލް މީހެއްގެ އަތުން އަތުލި 94 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންގެ މައްސަލައިގާ ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފިއެވެ.

މިމަހު 2 ވަނަ ދުވަހު ރާއްޖެ އައި ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާއާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރި އިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ. އަދި އެ ދުވަހު ވަނީ އެ މީހާގެ އިތުރުން އޭނާއާއެކު ދަތުރު ކުރި އުމުރުން 37 އަހަރުގެ ނައިރު ނޫނޭސް ޑިސޫޒާ ކިޔާ މީހެއްވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކޮށްފައެވެ.

ކްރިސްޓިއާނޯ ވަނީ ރާއްޖެ އައި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އެހެންނަމަވެސް މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެފައެވެ. މީގެއިތުރުން އެއާޕޯޓުގައި ހުރެ އެއީ އޭނާގެ އެއްޗެއް ކަމަށް އެއްބަސްވީ އެތަނުން ރޫމަކަށް ވައްދާ އޭނާގެ ލަގެޖު ކަމަށް އެއްބަސްވުމަށް މަޖުބޫރު ކުރުމުން ކަމަށެވެ.

މި މައްސަލައިގައި އަންހެން މީހާ ބުނެފައި ވަނީ ކްރިސްޓިއާނޯ އުފުލި ދަބަހުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭކަމަށެވެ. މި މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 18.857 ކިލޯއެވެ.