ކޮވިޑަށް ފަރުވާ ހޯދަމުން އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، އެމީހާއަކީ ކޮވިޑް ބައްޔަށް ޏ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ މިއަދު މެންދުރު ފަހު 02:55 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ މަހު ކޮވިޑުގައި ހަތް މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 251 އަށް އަރައިފައެވެ.

މި ވޭތުވެ ދިޔަ 19 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 107 މީހުންނެވެ. މިއާއެކު ޖުމްލަ 91،650 މީހުން މިވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މިބަލިން 87،774 މީހުން ވަނީ ރަނގަޅުވެފައެވެ.