ޖެންޑާ މިނިސްޓްރީގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ ތެރެއިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން މުވައްޒަފަކު ބުނީ، ޖެންޑާ މިނިސްޓްރީގެ ވަޒީފާއިން އެ މުވައްޒަފުން ވަކިކޮށްފައި ވަނީ ތަނުގެ އޮނިގަނޑަށް ގެންނަ ބަދަލަކާ ހެދި ކަމަށް އަންގާފައި ކަމަށެވެ. އޭނާ ބުނީ، ވަކިކުރި މުވައްޒަފުންނަށް ނޯޓިސް ފޮނުވާފައިވީ ނަމަވެސް، އެއްވެސް މުވައްޒަފެއް އެ ނޯޓިސް އާ ހަވާލު ނުވާ ކަމަށެވެ.

އެހެންކަމުން މިހާރު އެ މުވައްޒަފުން ތިބީ ރައީސް އޮފީސް ކައިރިއަށް ގޮސްފައި ކަމަށްވެސް، އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ރިޒްނާ ޒަރީރު "ދަ ޕްރެސް" އަށް ވިދާޅުވީ ކުޑަކުދިންގެ ހިޔާ ހުސްކޮށް، ރަށްރަށުގައި ގާއިމް ކޮށްފައި ހުންނަ އަމާންވެށިތަކަށް ކުދިން ބަދަލުކޮށްފައި ވާތީ، އެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ވާނީ އަންގާފައި ކަމަށެވެ. އަދި މިނިސްޓްރީގެ އެހެން ވަޒީފާތަކަށް ބަދަލުވުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ދިން ކަމަށްވެސް އޭނާ ވިދާޅުވިިއެވެ.

މީގެ އިތުރުން، އެ މުވައްޒަފުން ވަކިކުރާނެ ކަން މީގެ ކުރިން އަންގާފައި ވާއިރު، ސިވިލް ސާވިސް ކޮމިޝަނުންވެސް ވަނީ އެ މުވައްޒަފުން މީގެ ކުރިން ވަކިކުރާނެ ކަން އެ މިނިސްޓްރީއަށް އަންގާފައި ކަމަށް ރިޒްނާ ވިދާޅުވިއެވެ.

މިއަދު ޖެންޑާ މިނިސްޓްރީން 21 މުވައްޒަފެއް ވަޒީފާއިން ވަކިކުރި އިރު، މީގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން އެއްވެސް ސަބަބެއް ނެތި ވަޒީފާއިން ވަކިކުރި ނުވަ މުވައްޒަފެއްގެ ވަޒީފާ އަނބުރާ އިއާދަކުރުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައެވެ.