ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލުކުރުމާއެކު މިނިވަންވެވަޑައިގަތުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކައަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ރައީސް ޔާމީނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދުދެއްވައިފިއެވެ.

އިއްޔެ ޔާމީން މިނިވަން ވުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ވިދާޅުވީ ސުޕްރީމް ކޯޓުން އިއްޔެ އެ ހުކުމް ބާތިލު ކުރުމާ ހަމައަށް، އެމަނިކުފާނަށް އިންސާފު ލިބިގެން ދާނެ ކަމަށް އެންމެ ކައިރީގައި ތިބި މީހުން ވެސް ސުވާލު އުފެއްދި ކަމަށެވެ. އަދި ސަރުކާރުގެ ބާރު، ޖޭއެސްސީގައި އޮތް ހިނދަކު، ޝަރުއީ ނިޒާމުގެ ތެރެއިން އެމަނިކުފާނު މިނިވަން ވާނެ ކަމަށް ގިނަ ސަޕޯޓަރުން ގަބޫލު ނުކުރާކަންވެސް ފާހަގަ ކުރެއްވިއެވެ.

"ތީ ނުވާނެ ކަމެއް ކަމުގައި ކައިރީގައި ތިބި ގިނަ ބަޔަކުވެސް ގަބޫލުކޮށްގެން ތިބި ގޮތާއި، އަދި އެގޮތަށް މުޖްތަމައުގެ ގިނަ ބަޔަކު އެހެން ބުނަމުން ދިޔައިރު، އެގޮތާ ހިލާފަށް ނިކުމެ، މި މަސައްކަތް ކާމިޔާބު ކުރެވުނީ."
ޖަމީލް

އެކަމަށް ރައްދުދެއްވާ ޝަހީމް ވިދާޅުވީ އެންމެ ކައިރީގައި ތިބި މީހުން، ފެށުނީންސުރެވެސް ގަބޫލު ކުރަމުން ދިޔައީ މިނިވަން ވާނެ ކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ބޭފުޅުން ތިއްބެވީ އެ ގޮތުގައި ކަމަށެވެ.

"ދުޝްމަނުން ވަގަށް ގޮވި އިރުވެސް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ވަގެއް ނޫނޭ ރައީސް ޔާމީނަކީ"
ރައީސް ޔާމީނުގެ ރަނިން މޭޓްކަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޝަހީމް ވަނީ ދުޝްމަނުން ވަގަށް ގޮވިއިރު ވެސް ރައީސް ޔާމީންގެ ކައިރީގައި ތިބި މީހުން ވިދާޅުވަމުން ގެންދެވީ އެއީ ވަގެއް ނޫން ކަމަށެވެ.

ރައީސް ޔާމީނު މިނިވަން ވުމާއެކު ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ރައީސް ޔާމީނާއެކު ފޮޓޯ ނަންގަވާ އަދި ކުރިން ނަންގަވާފައި ހުރި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރަން ފައްޓަވާފައެވެ.

ޑރ. ޖަމީލަށް ޝަހީމް ރައްދު ދެއްވި އިރު، ޖަމީލާއި، ޝަހީމަކީ 2023 ގެ ރައީސް ޔާމީނުގެ ރަނިންމޭޓުންނަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަމުގައި ތިއްބެވި ބޭފުޅުންކަމަށް އެ ޕާޓީގެ އިސް ބައެއް މެންބަރުން "ދަ ޕްރެސް" އަށް ވިދާޅުވެފައި ވެއެވެ.