ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އޮތުމާއެކު، ޔާމީން ފުރުން މަނާކޮށް އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ފުލުހުން އަމުރަކަށް އެދި ހުށަހަޅާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފަޔާ އެއްގޮތަށް ކަމަށާއި، އެ މައްސަލާގައި ހިމެނޭ އިތުރު ފަރާތްތަކުގެ ޕާސްޕޯޓުވެސް ހިފަހައްޓާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ގއ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރިކަމަށް ސާބިތުވާ ކަމަށް ބުނެ، ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ޖަލު ހުކުމް އިއްޔެ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވީ ނަމަވެސް، ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއްކޮށް ކްރިމިނަލް ކޯޓަށް ޕީޖީން ވަނީ އެމަނިކުފާނަށް ދައުވާކުރަން ފޮނުވާފައެވެ.

އެގޮތުން، ޔާމީންގެ މައްޗަށް ދައުވާކުރަން ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ ރ. ފުއްގިރި އާއި، ވ. އާރަށުގެ މައްސަލައެވެ. ފުއްގިރީގެ މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ. އަދި އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ އަދި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމަކީ އެ އޮފީހުން އަބަދުވެސް އަމަލުކުރާ އެސްއޯޕީގައި އޮންނަ ކަމެއް ކަމަށާއި، ޔާމީންގެ އިތުރުން، މަނީ ލޯންޑަރިންގެ މައްސަލާގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފައިވާނެ ކަމަށެވެ.

އަދި ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި، ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅަން ފުލުހުންނަށް ލަފާދީފައި ވަނީ އިއްޔެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

"ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ފުލުހުންނަށް ލަފާދީފައިވާނީ، އެފަދަ އަމުރަކަށް އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނާތީ." ޕީޖީ އޮފީހުން ބުންޏެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ބުނެ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އިއްޔެ ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން، އެމަނިކުފާނު ވަނީ އިއްޔެ މިނިވަންވެވަޑައިގެންފައެވެ. އެއާއެކު، މިހާރު ޔާމީންގެ މައްޗަށް ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައެއް ނުވެއެވެ.