ކޮވިޑާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ސޮއިކުރައްވާ ނެރުއްވި ގަރާރުގައިވާ ގޮތުން މިމަހުގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލަން ވަނީ ނިންމަވާފައެވެ.
މިނިސްޓަރު މިހެން ނިންމެވީ އަދިވެސް ރާއްޖޭގައި ކޮވިޑު ފެތުރުމުގެ ފުރުސަތު އޮތުމުން، އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދެއްވާފައިވުމުން ކަމަށް، އެ ގަރާރުގައިވެއެވެ.
އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ.
އަދި ވަގުތާއި ހާލަތަށް ރިޔާއަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގަވާފައެވެ.
މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރި 21 ވަނަ ފަހަރެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފައި ވަނީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުންނެވެ.
ކޮވިޑުން ރައްކާތެރިވުމަށްޓަކައި އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12 ގައެވެ. އޭގެ ފަހުން ކޮންމެ މަހަކުވެސް އެ މުއްދަތު އަންނަނީ އިތުރުކުރަމުންނެވެ.