ހައުސިން މިނިސްޓްރީ އަށް ނައިބެއް އައްޔަން ކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ސިޔާސީ މަގާމެއް މިއަދު އުފައްދަވައިފިއެވެ.

ހައުސިން މިނިސްޓްރީގެ ނައިބު ކަމަށް އައްޔަން ކުރެއްވީ ހ. ރެޖީނާހައުސް، އައިޝަތު ރަޝީދާއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އައިޝަތު ރަޝީދާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ހިންގަވާ ބޭފުޅެއްގެ ގޮތުގައެވެ.

އެހެންކަމުން، ހައުސިން މިނިސްޓްރީގައި ޖުމްލަ ހަ ނައިބު މިނިސްޓަރުން މިހާރު ތިއްބަވާނެއެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސަންޑަލޭންޑުން ބެޗެލާ އޮފް ކޮމްޕިއުޓަ ސްޓަޑީޒް ހާސިލްކުރެއްވި އައިޝަތު ރަޝީދާ އަކީ ޔޫއެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވޯކް 2021 ސްޓްރެންތަނިން ސީއާރުވީއެސް އިން މޯލްޑިވްސް، އީއެސްސީއޭޕީއީ އަދި ޔުނިސެފުގެ ޑާޓާ ހާމޮނައިޒޭޝަން 2021 ޕްރޮޖެކްޓުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

މީގެ ކުރިން ކަސްޓަމްސްގައި އެސިސްޓަންޓް ކަސްޓަމްސް އޮފިސަރެއްގެ މަގާމު އައިޝަތު ރަޝީދާ ފުރުއްވާފައި ވެއެވެ.