"ދޮންގޮއްޔެ" ބްރޭންޑްގެ ކާބޯތަކެތި އުފައްދަމުން އަންނަ ތަނަކީ ވަރަށް ނުތާހިރު ތަނެއް ކަމަށާއި އެތަނުން އުފައްދާ އެެއްޗެހި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސް ކޮށްފިއެވެ.

އެމްއެފްޑީއޭ އިން އާންމުކުރި ބަޔާނެއްގައި ބުނީ އެ ބްރޭންޑުގެ ތަކެތި އުފައްދަމުން އަންނަ ތަނާ ގުޅިގެން ލިބުނު ޝަކުވާއަކާ އެކު، އެ ބްރޭންޑްގެ ކާބޯތަކެތި އުފައްދަމުން އަންނަ ތަން އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އަދި އެ އިންސްޕެކްޝަނުގައި ތަނުގެ ސާފުތާހިރުކަން ވަރަށް ދަށްކަން ވަނީ އެމްއެފްޑީއަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ އެހާ ނުތާހިރުކޮށް ބަހައްޓައިގެން އެތަނުން އުފައްދާ އަދި ބަންދުކުރާ ތަކެތި ބޭނުންކުރުމުގެ ސަބަބުން އާންމު ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ކާބޯތަކެތީގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭ ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

އެހެންކަމުން މިހާތަނަށް ބާޒާރުގައި ހުރި އެ ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.