ރާއްޖޭގެ ސިޔާދަތީ ބާރު އޮޔާ ދިޔަޔަސް ބައެއް މެންބަރުންނަށް އެންމެ ރަނގަޅުކަން ހާމަވެއްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އަވަށްޓެރި އިންޑިއާއެކު ހަދާފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުން ތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ކަނޑައަޅާފައިވާ 241 ކޮމިޓީގެ ރިޕޯޓް ރޭ ވަނީ މަޖިލީހުގެ 53 މެންބަރުންގެ ވޯޓުން ފާސްކޮށްފައެވެ.
ބޭރުގެ އެހެން ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން އަންގަން އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ މެންބަރުންގެ ވޯޓުންނެވެ.
އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރުއޮތްކަން ހާމަވި ދުވަހެއް ކަމަށާއި އެމްޑީޕީއިން ވޯޓު ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޔޫޓީއެފް އެއްބަސްވުމާ ގުޅޭގޮތުން އިދިކޮޅުން ހުށައެޅި އެއްވެސް އިސްލާހެއް ފާސް ނުވުމަކީ ރާއްޖޭގެ ސިޔާދަތީ ބާރުތައް އޮޔާ ދިޔަޔަސް ބައެއް މެންބަރުންނަށް އެންމެ ރަނގަޅުކަން ހާމަވާ ކަމެއް ކަމަށެވެ.
ރޭ ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވަނީ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އާދަމް ޝަރީފް ވިދާޅުވީ 241 ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާގޮތް ވަރަށް ގާތުން ފެނިވަޑަައިގަންނަވާ ކަމަށާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެ ކޮމިޓީގައި މަސައްކަތް ކުރައްވަމުން ގެންދެވިއިރުވެސް އަސްލަމް މަސައްކަތް ކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާގެ ބަހާއި އިރުޝާދާ އެއްގޮތަށް ސަރުކާރުށް ބުނާ ގޮތަށް ކަމަށެވެ. އަދި އެއީ ރައްޔިތުން މަޖިލީހުގެ ގަވާއިދުގައި އަދި ގާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވާ އެ ކޮމިޓީގެ އިހުތިސޯސްތަކާއި ބާރާ ފުށޫ އަރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާއެކު ހަދާފައިވާ ހައިޑްރޯގްރަފީގެ އެއްބަސްވުމާއި ޑޯނިއާ ބޯޓު އޮޕަރޭޓް ކުރުން އަދި އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުން ކޮމިޓީއިން ދިރާސާކޮށް އެކުލަވާލި ރިޕޯޓް 241 ކޮމިޓީއިން ފާސްކުރި ގޮތަށް ފާޑުވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ ގައުމީ މަސައްކަތެއްގެ ގޮތުން ފުވައްމުލަކަށް ވަޑައިގަތީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން މަޖިލީހަށް އަންގަވާފައި ކަމަށާއި ހުކުރު ދުވަހެއްގައި އިއުލާނުކޮށްގެން ބައިވެރިނުވެވޭ ގޮތަށް ކޮމިޓީ ރިޕޯޓު އަސްލަމް ނިންމެވީ ކަމަށެވެ.
އާދަމް ޝަރީފާއި އިދިކޮޅުގެ ހުށަހެޅުންތަކުގެ ތެރެއިން މައިގަނޑު 2 އިސްލާހެއް ފާހަގަ ކޮށްލެވެއެވެ.
ފުރަތަމަ އިސްލާހަކީ، އިންޑިއާގެ އެއްބަސްވުންތައް 241 ކޮމިޓީގެ މެންބަރުންނަށް ދީގެން ދިރާސާ ކުރުމަށެވެ. މިއީ ކޮމިޓީއަށް ވެސް ހުށަހެޅި ކަމެކެވެ. ނަމަވެސް ކޮމިޓީން އެ ހުށަހެޅުން ފާހެއް ނުވިއެވެ. ދެވަނަ ހުށަހެޅުމަކީ ބޭރުގެ އެހެން ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލު ކުރަން މަޖިލީހުން އެންގުމެވެ. އެކަންވެސް ފާހެއް ނުވެއެވެ.