ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތައް ކުރިއަށް ގެންދާނެ އިޖުރާއަތުތައް ހިމެނޭ ބިލު ފާސްވުމުން މައްސަލަތައް އަވަސްވާނެ ކަމަށާ، އިޖުރާއަތުގެ ޔަގީންކަން ލިބޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި މަދަނީ އިޖުރާއަތުގެ ބިލު ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ.
ރިއްފަތު ވިދާޅުވީ މަދަނީ އިޖުރާއަތުގެ ބިލު ފާސްވުމުން މައްސަލަތައް އަވަސްވެ، އިޖުރާއަތުގެ ޔަގީންކަން ލިބޭނެ ކަމަށެވެ.
މަދަނީ އިޖުރާއަތުގެ ބިލުގައި ހިމެނޭ ބައެއް ކަންތައް ތަކަށް ބަލާއިރު، ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި ދައުވާ ފޯމާއި ޖަވާބު ފޯމާއި ބަޔާންތަކާއި ހުށަހަޅާނެ ގޮތް ހިމެނެއެވެ. އަދި ދައުވާއަށް ރައްދުދެވޭނެ ގޮތްތަކާއި ދައުވާއެއް އިސްލާހު ކުރާނެ ގޮތާއި ހަސްމުންނާއި ގުޅޭ އުސޫލުތައް ކަނޑައެޅުމާއި މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން ވެސް ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން އަމަލު ކުރަން ޖެހޭ ގޮތާއި މައްސަލައާ ގުޅޭ ލިޔުންތައް ހާމަކުރުމާއި ހެކި ނެގުމުގެ އިޖުރާއަތްތައް ކަނޑައެޅުމާއި ޝަރީއަތް ހިންގުމަކާ ނުލައި މައްސަލައެއްގެ ހުކުމް ކަނޑައެޅޭނެ އުސޫލާއި ޝަރީއަތާ ގުޅިގެން ހިނގާ ހަރަދު ހަސްމުންގެ މެދުގައި އުފުލަންޖެހޭ ގޮތް ކަނޑައެޅުމާއި ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި އަމަލު ކުރާނެ އިޖުރާއަތުތަކާއި މައްސަލަ އިސްތިއުނާފު ކުރާނެ ގޮތުގެ އިތުރުން ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރާނެ އިޖުރާއަތުތައް ކަނޑައެޅުން ވެސް ހިމެނެއެވެ.
ބިލުގައި ބުނާ ގޮތުން މަދަނީ މައްސަލައެއް ބެލުމުގެ އިހްތިސޯސް ކަނޑައެޅިފައި އޮތީ ސިވިލް ކޯޓަށެވެ. އެއަށް ފަހު އިސްތިއުނާފު ކުރަން މަތީ ކޯޓުތަކަށް ހުށަހެޅޭނެއެވެ. މީގެ އިތުރުން، އެ ކަމެއް ހިނގި ސަރަހައްދެއްގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓަކަށް ވެސް މިފަދަ މައްސަލައެއް ހުށައަޅާ ބެލޭނެއެވެ.