ރޭޕް ކުރުމާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ރޭޕް އެވިޑެންސް ކިޓް ބޭނުން ކުރުމާއި އޭގެ ފޮރެންސިކް ތަހުލީލެއް ކޮށް ފޮރެންސިކް ހެކި ހޯދުން ލާޒިމު ކުރާ ގޮތަށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ފާސްކުރީ 52 މެންބަރުންގެ ވޯޓުންނެވެ.

ބިލުގައިވާ ގޮތުން ވިކްޓިމްގެ އަންނައުނުން ސާމްޕަލްއަކާއި ހަށިގަނޑުން ހަ ސާމްޕަލްއެއް ނަގަން ޖެހޭނެއެވެ. އެއީ ލެއާއި ކުޑަކަމުދާ ތަކެތިންނާއި ނިޔަފައްޗާއި ނިޔަފަތީގެ ދަށުންނާއި ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުންނާއި އަނގައިގެ އިތުރުން އިސްތަށިތަކުންނެވެ.

އެ ބިލުގައި ބުނާ ގޮތުން ސިއްހީ ހިދުމަތް ދޭ ތަނަކަށް ވިކްޓިމްއަކު ގޮސްފިނަމަ ވަގުތުން ސޯޝަލް ސާވިސް ޑިޕާޓްމަންޓްއަށް އަންގައި ލަސްނުކޮށް ސާމްޕަލްތައް ނަގަން ޖެހެއެވެ. އެ ގޮތަށް އަމަލު ނުކުރުމަކީ ކުށެއް ކަމާއި އޭގެ އަދަބަކީ އެއް އަހަރާއި ތިން އަހަރު ޖަލު ހުކުމެއް ކަމަށް ވެސް ބިލުގައިވެއެވެ.

ގާނޫނަށް އަމަލު ކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެވިޑެންސް ކިޓް ލިބޭނެ އިިންތިޒާމު ސަރުކާރުން ހަމަޖައްސަން ޖެހޭނެ ކަމަށާއި އަދި ސިއްހީ ހިދުމަތް ދޭ ތަނަކުން ކިޓް ބޭނުން ކޮށްގެން ނަގާ ސާމްޕަލްތައް އަގު ނަގައިގެން ނުވާނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފައެވެ.