ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 12ވަނަ ބެޗްގެ ނިމުން ފާހަގަ ކޮށް ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރި ކުރުވުމަށް 2009 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ދިރާގުން ކުރިއަށް ގެންދާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ މިދިޔަ އަހަރުގެ ޕްރޮގްރާމްގެ ނިމުން ފާހަގަ ކުރުމަށް ރޭ ކްރިސްރޯޑުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި މި ޕްރޮގްރާމްގައި ބައިވެރިވި 17 ފަރާތެއް ވަނީ ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.
މި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގެންފައިވާ އިރު އެ ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރެއްވީ ނައިބު ރައީސް އެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެ ޕްރޮގްރާމަކީ ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގެ ބައިވެރިން ޓްރެއިން ކުރުމުގައި ދިރާގުގެ ވަރަށް ގިނަ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ފުރިހަމަ ކުރި ފަރާތްތަކަށް ވަޒީފާއަށް ތައްޔާރު ވުމުގައި ރަނގަޅު ފިލާވަޅުތަކެއް ލިބިފައިވާ ކަމަށް ހީކުރައްވާ ކަމަށާއި އަދި މި ޕްރޮގްރާމް ފުރިހަމަ ކުރުމުން އެ ފަރާތްތަކަށް އިސްމާއިލް ރަޝީދު މަރުހަބާ ވިދާޅުވިއެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ ދުނިޔެއަށް ނުކުންނަށް ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ތަނަވަސް ފުރުސަތުތަކެއް ހުޅުވާލަދީ، ޒުވާނުން ބާރުވެރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އެ ގޮތުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް އެކީ ހެން ކުރިއަށް ގެންގޮސްފައި ވަނީ ވާޗުއަލް ކޮށެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުން ކުރިއަށް ގެންދާ އެ ކުންފުނީގެ ސީއެސްއާރް މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ. މި ބެޗާ އެކު ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 231 ޒުވާނުން ވަނީ ތަމްރީނު ކޮށްފައެވެ.
މި ހަފްލާގައި ވަނީ އެޕްރެންޓިސްޝިޕްގެ 13 ވަނަ ބެޗް އިއުލާން ކޮށްފައެވެ. 13 ވަނަ ބެޗްގައި 14 ބައިވެރިން ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.