ރާއްޖޭގެ ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުުހުމަތުކުރެވޭ ބޭރުގެ 2 ބޮޑުން ހައްޔަރު ކޮށްފިއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެއީ އުމުރުން 29 އަހަރުގެ ރޮބީއުﷲ ނަމަކަށް ކިޔާ މީހަކާއި އުމުރުން 31 އަހަރުގެ ފިރުދައުސް ނަމަކަށް ކިޔާ މީހެކެވެ.
ބަންދުގެ މުއްދަތު ޖަހަން ފުލުހުން ކްރިމިނަލް ކޯޓަށް މިއަދު ގެންދިޔަ ރޮބީއުﷲ، 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރުކުރި އިރު ފިރްދައުސް 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ބަންދުގެ އަމުރުތަކުން އެނގޭ ގޮތުގައި ރޮބީއުﷲ އަށް ފުލުހުން ތުހުމަތު ކޮށްފައި ވަނީ ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކެއް ބޭނުން ކޮށްގެން ކަޅު ބާޒާރުގައި ގަވައިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގި ކަމުގެ ތުހުމަތެވެ. އެ ތުހުމަތަށް ބާރުދޭ ކޮންމެވެސް ވަރެއްގެ ހެކިތަކެއް ފުލުހުން ކޯޓަށް ހުށަހަޅާފައި ވާ ކަން ވެސް އަމުރުން އެނގެއެވެ.
އޭނާގެ އަމިއްލަ އެކައުުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބަކީ ފިލައިފާނެ ކަމުގެ ބިރު އޮތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާއަކީ ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރުމުގައި އިސްކޮށް އުޅޭ އެ ވިޔަފާރީގެ ބޮޑެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފިރުދައުސާ ގުޅޭ ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ވިއުގައެއް ހަދައިގެން ޖަމާއަތެއް މެދުވެރިކޮށް ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ މީހެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ފުލުހުން ވަނީ އޭނާ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ ބޭންކު މެދުވެރިކޮށް ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ހަދައިގެން ކަމަށް ބުނެފައެވެ.
އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލައި ދޭން އޭނާގެ ވަކީލުން އެދުނު ނަމަވެސް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން ނިންމާފައެވެ.