މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ.

މި މަޝްރޫއުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، 202 މީޓަރުގެ ބޭރުތޮށި ލުމާއި، 519 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މިއީ 96.22 މިލިއަން ރުފިޔާ އަށް، 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނ މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 64 މަޝްރޫއެއްގެ މަސައްކަތް ކުރަމުންދާ ކަމަށާއި މީގެ ތެރެއިން 8 މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއް ކަމަށެވެ.

މީގެ އިތުރުން މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 6 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައި ކަމަށާއި ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.