ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށިލުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މިލަދޫ ބަނދަރުގައި އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފާ ވަނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 209 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 152 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން 1،430 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ އަގަކީ 42.1 މިލިއަން ރުފިޔާ ކަމަށެވެ.