ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އއ. ތޮއްޑޫގެ ބަނދަރު ސަރަހައްދުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިން ޕާކެއް ހަދައިފިއެވެ.

އެ ރީޑިން ޕާކުގެ މަސައްކަތް ރާވައި ހިންގާފައި ވަނީ ތޮއްޑޫ ސްކޫލްގެ ލީޑިން ޓީޗަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އާދަމް އަފްސަލްއެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮޖެކްޓް ގެ މަގްސަދަކީ ފޮތް ކިޔުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކޮށް އާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ރީޑިން ޕާކުގައި ދަރިވަރުންނަށް ހާއްސަކޮށްފައިވާ މިނީ ލައިބްރަރީ އެއްވެސް ހިމެނޭ ކަމަށެވެ. އަދި އެތަނަށް ޒިޔާރަތް ކުރާ ބެލެނިވެރިންނަށް ހާއްސަކޮށް ޖޯއްޔާއި އުނދޯލި ވަނީ ބަހައްޓާފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ތޮއްޑޫގައި ގާއިމުކުރި ރީޑީން ޕާކު/ ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން އިތުރަށް ބުނީ މާ ބަގީޗާއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ އެ ރީޑިން ޕާކުގައި ތުއްތު ކުދިންގެ މޮޓޯ ސްކިލްސް ތަރައްގީ ކުރުމަށް ޗެސް، ޑޮމިނޯ ފަދަ ސިކުނޑި ތަރައްގީކޮށްދޭ ކުޅިވަރުތައް ކުޅުމުގެ ފުރުސަތުވެސް ވަނީ މަގުފަހިކޮށްދީފައިވާ ކަމަށެވެ.

" ކުޑަކުދިންނަށް ހާއްސަ ޕާކެއް މި ރަށުގައި ނެތުމުގެ އިތުރުން މި ރަށުގެ ސްކޫލުގައި ހުންނަ ލައިބްރަރީ ފިޔަވާ އިތުރު ލައިބްރަރީ އެއްނެތް. އެހެންކަމުން ކުދިން ފޮތް ކިއުމަށް ޝައުގު އުފެއްދުމުގެ ގޮތުން އައި ހިޔާލެއް މިއީ. މި ރީޑިން ޕާކުގެ ސަބަބުން ދަރިވަރުންނަށް ރަށްޓެހިކުދިންނާއި އަދި އާއިލާ އާއި އެކުގައި އައިސް ފިލާވަޅުތައް މުތާލިއާކުރުމުގެ ފުރުސަތު ލިބިގެންދާނެ. މިރަށަށް ނުހަނު ބޭނުންތެރި މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށްޓަކައި ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."
އެ ރީޑިން ޕާކުގެ މަސައްކަތް ރާވައި ހިންގި ތޮއްޑޫ ސްކޫލްގެ ލީޑިން ޓީޗަރު އާދަމް އަފްސަލް

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރަކީ މެދުކެނޑުމެއްނެތި ކޮމިއުނިޓީ ފަންޑު ހިންގާތާ ތިންވަނަ އަހަރެވެ. ބީއެމްއެލްއިން ބުނީ މިހާތަނަށް އެ ފަންޑުގެ ދަށުން 55 ޕްރޮޖެކްޓަކަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.