ފެނުގެ ބަދަލަށް ހަކަތަ ދިނުމަށް އިޒްރޭލާއި އުދުރުދުންއާ ދެމެދު މިދިޔަ ހަފްތާގައި ގާއިމުކުރި އެއްބަސްވުމާ ދެކޮޅަށް އުރުދުންގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ.

އުރުދުންގެ ވެރިރަށް އައްމާނުގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި އެތަށް ސަތޭކަ ބަޔަކު ބައިވެރިވި އިރު މުޒާހަރާގެ ބައިވެރިން ވަނީ އުރުދުންގެ ސަރުކާރުން އިޒްރޭލާއެކު މިފަދަ އެއްބަސްވުމެއް ގާއިމުކުރުމުން ފެންނަނީ ދެގައުމުގެ ދެމެދު އޮންނަ ގުޅުން އަލުން ރުޖޫއުކުރަމުންދާތަން ކަމަށާ ފަލަސްތީނުގެ ބިންތަކަށް ނުހައްގުން ވެރިވެގަތްފައިވާ އިޒްރޭލާއެކު ގުޅުން ގާއިމުކޮށްގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ މިފަދަ އެއްބަސްވުމެއްގެ ސަބަބުން އުރުދުންއިން އިޒްރޭލަށް ބަރޯސާވާން ޖެހޭނެ ކަމަށް ވެސް ބުނެފައެވެ.

މިއެއްބަސްވުމުގެ ދަށުން އިޒްރޭލުން އުފައްދާ ފެނުން 200 މިލިއަން ކިއުބިކް މީޓަަރުގެ ފެން އުރުދުންއަށް ފޮނުވަން ނިންމާފައިވާ އިރު އުރުދުންގައި ހިންގާ އަވިން ހަކަތަ އުފައްދާ ސޯލާ ޕްލާންޓުން 600 މެގާ ވޯޓްސްގެ ކަރަންޓު އިޒްރޭލަށް ފޮނުވުމަށް އުރުދުންއިން ވަނީ ނިންމާފައެވެ.

އުރުދުންގައި ހިންގާ މި ސޯލާ ޕްލާންޓަކީ ޔޫއޭއީއުން ފަންޑްކޮށްގެން ހިންގާ ޕްލާންޓެކެވެ. އިޒްރޭލާއި އުރުދުންއާ ދެމެދު ވީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވެސް ޔޫއޭއީގެ ޑުބާއީގައެވެ.

މިކަމާ ބެހޭ ގޮތުން އުރުދުންގެ ފެނާ ބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އުރުދުންގެ އާބާދީ އިތުރުވެފައިވާ އިރު ދާއިމީ ގޮތެއްގައި ސާފު ބޯފެން ލިބޭނެ މަގެއް ވަނީ ހޯދަން ޖެހިފައި ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން މިކަމަށް ހައްލެއް ހޯދޭނެ ކަމަށް އުރުދުން ސަރުކާރުން ދެކެއެވެ.

އދގެ ތަފާސު ހިސާބުތަކުން ދައްކާ ގޮތުން އުރުދުން އަކީ މިވަގުތު ދުނިޔޭގައި ދެވަނަ އަށް ފެން އެންމެ މަދުން ހުރި ގައުމެވެ.