ރަސްމީ ދަތުރެއްގައި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މަސްއޫދު ބިން މޮމެން މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތް ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ އާއި އެގައުމުގެ އިސް ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދަށް ވެލާނާ އެއާޕޯޓުން މަރުހަބާ ދެންނެވީ، ފޮރިން މިނިސްޓްރީގެ ޗީޕް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރާއި ޖޮއިންޓް ސެކްރެޓަރީ ފާތިމަތު ޖީނާއެވެ.

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ރަސްމީ ދަތުރެއްގައި ވަޑައިގަތީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން، ދެގައުމުގެ ދެމެދުގައި ގާއިމް ކޮށްފައިވާ އެއްބަސްވުންތައް ތަންފީޒު ކުރުމުގައި ދެގައުމުން އެއްބާރުލުން އިތުރުކުރުމާއި، އެ އެއްބަސްވުންތައް ތަންފީޒު ކުރުމުގައި ލިބިފައިވާ ކުރިއެރުންތަކާއި، ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އާ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މިއަދު މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން، މި ދަތުރުގައި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މަސްއޫދު، ނައިބު ރައީސް ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާވެސް ބައްދަލުކުރައްވާނެއެވެ.

ދާދިފަހުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އެގައުމުގެ އިސް ބައެއް ބޭފުޅުންނާވެސް ނައިބު ރައީސް ބައްދަލު ކުރައްވާފައި ވެއެވެ.