ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކުރާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ގާނޫނުގެ 80 ވަނަ މާއްދާގެ 1 ގައި ބަޔާންކުރާ ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އަޅަނީ ދ. ކުޑަހުވަދޫގައި ކަމަށާއި އަދި ބިންގާ އަޅުއްވައިދެއްވީ މިނިސްޓާ އޮފް ހޯމް އެފެއާ އިމްރާން އަބްދުالله ކަމަށެވެ.

މި ސެންޓަރަކީ ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުޑަކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކޮށްގެން, އިސްލާހުކޮށް މުޖުމަތައަށް އަނބުރާ ނެރުމަށްޓަކައި ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން އިމާރާތް ކުރާ ސެންޓަރެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކޯޓް އަމުރުގެ ދަށުން ވަކި މުއްދަތަކަށް އެކަހެރިކޮށް އެކުދިންނަށް ރައްކާތެރިކަން ދިނުމާއެކު އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ އިންތިޒާމް ވެސް ހަމަޖައްސާނީ މިމަރުކަޒުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މިފަދަ ކުދިންނަކީ ކުށުގެ ރެކޯޑަށް ބަލައި މުޖުތަމައުގައި ބައިތިއްބައިގެން އިސްލާހު ކުރުމުގެ މަސައްކަތް ނުކުރެވޭ ގިންތީގެ ކުދިން ކަމަށާއި މި މަރުކަޒުގައި ކުދިން ތިބޭނީ އެކުދިން ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމްތައް ފުރިހަމަ ކޮށް ނިމެންދެން ކަމަށެވެ.

ދެބުރި އިމާރާތެއްގެ ގޮތުގައި ދ. ކުޑަހުވަދޫގައި އިމާރާތްކުރާ ފުރަތަމަ ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވީއަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ 21 މިލިއަން ހަލައްކަ އަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ.

ކުޑަހުވަދޫގައި އިމާރާތްކުރާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ވީއަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި މަރުކަޒު ގާއިމް ކުރުމަށް ހަމަޖެހިފައިވާ ބިން އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.