ރޮށި ނުކާރާ މިހާރު 3 އަހަރު ވެފެައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާންގެ ޅިޔަނު އަދި ފިލްމީ ތަރި އާޔޫޝް ޝަރްމާ ބުނެފިއެވެ.

އާޔޫޝްގެ ދެވަނަ ފިލްމު ކަމަށްވާ "އަންތިމް، ދަ ފައިނަލް ޓްރުތު" މާދަމާ ސިނަމާތަކުގައި ދެއްކުމަށް ހަމަޖެހިފައި ވާއިރު މި ފިލްމަށް އޭނާ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މިފިލްމަށް އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައި ވާއިރު އެކަމާ ގުޅިގެން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އާޔޫޝް ވަނީ ފިލްމަށް ތައްޔާރުވުމަށް ޓްރެއިނިންތައް ހަދާ ވަރަށް ގިނައިން ކެއި ކަމަށް ބުނެއެވެ.

އާޔޫޝް ބުނީ ބަރުދަން އިތުރުކުރަން އޭނާއަށް ވަރަށް އުނދަގޫވި ކަމަށާއި ނަމަވެސް ފިލްމުގައި އޭނާގެ ކެރެޓްޓާގެ ގޮތުން ބަރުދަން އިތުރުކޮށް އަދި ބޮޑީ ބިލްޑު ކުރަން ޖެހުނީ ކަމަށެވެ.

ތިން އަހަރު ކުރި ބުރަ މަސައްކަތުގެ ވާހަކަ ދައްކަމުން އާޔޫޝް ބުނީ ދުވާލަކު 24 ބިހާއި، 400 ގްރާމުގެ ކުކުޅު އަދި 300 ގުރާމުގެ ބަތް ކާ ކަމަށެވެ.

އާޔޫޝް ބުނީ ފޮނި ކާ އެއްޗެހި ވެސް ކެވެނީ ވަރަށް މަދުން ކަމަށާއި އަދި ވޭތުވެ ދިޔަ ތިން އަހަރު އެއްގޮތަކަށް ވެސް ރޮށި ނުކާ ކަމަށެވެ.

އާޔޫޝް ފުރަތަމަ ފެނިގެން ދިޔައީ 2018 ވަނަ އަހަރު ނެރުނު "ލަވްޔާތުރީ" އިންނެވެ. އެފިލްމަށް އެހާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އާޔޫސް ފުރަތަމަ ފިލްމު އަދި ދެ ވަނަ ފިލްމަކީ ވެސް ސަލްމާންގެ ފިލްމުތަކެކެވެ. އަދި އޭނާއަށް މިފިލްމުތަކުން ފުރުސަތު ލިބުނީ ސަލްމާނަކީ އޭނާގެ ޅިޔަޅަށް ވާތީއެވެ.