ސ. އަތޮޅު މަދަރުސާގައި ކިޔަވައިދެމުން ދާ ޓީޗަރަކު ދަރިވަރުންނަށް ފިލާވަޅެއް ކިޔަވައިދިނުމުގެ ތެރޭގައި އިސްލާމް ދީނާ ހިލާފްވާ ފަދަ ވާހަކަތަކެއް ދެއްކި މައްސަލާގައި އެޓީޗަރު އެކަހެރި ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ސ. އަތޮޅު މަދަރުސާގައި ގްރޭޑް 8 ގެ ދަރިވަރުންނަށް ކިޔަވައިދޭ އިންޑިއާ ޓީޗަރެކެވެ. އޭނާ ކްލާހުގައި ކިޔަވައިދެމުން "މިތް" އަކީ ކޮން އެއްޗެއްކަން ކުދިންނަށް ތަފްސީލް ކޮށްދިނުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން މިތް އަކީ ހަގީގަތެއް ނެތް ވާހަކަތައް ކަމަށާއި އެގޮތުން ކަލާނގެ ގޮތުގައި ގަބޫލުކުރާ ﷲ އަކީ މިތް އެއް ކަމަށް އެ ޓީޗަރު ވަނީ ބުނެފައި ކަމަށް ދަރިވަރަކު ކިޔައިދީފައި ވެއެވެ.
އެމައްސަލައާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ އަހްމަދު އަލީ ވިދާޅުވީ އެމައްސަލާގައި ޓީޗަރު މިވަގުތު ހުރީ މަސްއޫލިއްޔަތުން އެކަހެރިކޮށް، ގޭގައި ބަހައްޓާފައި ކަމަށެވެ. އަދި މިނިސްޓްރީން އެމައްސަލަ ބަލަމުންދާ ކަމަށް ވެސް އަހްމަދު އަލީ ވަނީ ވިދާޅުވެފައެވެ.
ﷲ އަކީ ކަލާނގެ ކަމަށް ބުނެ "ޓެރަރިސްޓުން" ގޮތަށް ކުދިން މި ތިބީ ތުއްތު އިރުއްސުރެ ބްރެއިން ވޮޝް ކޮށްފައި ކަމަށް އެ ޓީޗަރު ކުދިން ގާތުގައި ބުނެފައިވާ ކަމަށް ވެއެވެ. އަދި ކަލާނގެއެއް ވާނަމަ ކަލާނގެ ހުރިކަން ސާބިތުކޮށް ދިނުމަށް ވެސް އެ ޓީޗަރު ކުދިން ގާތުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ގުރުއާނަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ހުރި ފޮތެއް ކަމަށާއި ގުރުއާނަކީ އުޑުން ވެއްޓުނު ފޮތެއް ނޫން ކަމަށް ވެސް އެ ޓީޗަރު ބުނެފައިވާ ކަމަށް ވެއެވެ. އަދި ގުރުއާން ލިޔެފައި ވަނީ އިންސާނުން ކަމަށާއި އޭގައި އެ ހުރި ވާހަކަތަކަކީ ހިޔާލީ ވާހަކަތަކެއް ކަމަށް ވެސް އެ ޓީޗަރު ބުނެފައި ވެއެވެ.
ދިނާ ހިލާފް ވާހަކަތައް ދައްކާ، ދީނަށް ފުރައްސާރަ ކުރާ ބިދޭސީންގެ މައްސަލަތައް މީގެ ކުރިން ހުށަހަޅާފައި ވެއެވެ. ނަމަވެސް މިފަދައިން ބޭރުގެ ޓީޗަރަކު ދަރިވަރުންނަށް އުނގަންނައި ދިނުމުގައި ދީނާ ހިލާފް ވާހަކަތަކެއް ދެއްކި މައްސަލައެއް ފެންމަތިވެފައެއް ނުވެއެވެ.