އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އިއްޔެ ދައުވާކުރަން ފޮނުވުމާ ގުޅިގެން މަހްލޫފު އާންމުކުރެއްވި ޗެޓް ލޮގާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނީ ކޯޓުގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގެ ތެރެއިން 33000 ޑޮލަރުގެ ރިޝްވަތު ނެގި ކަަމުގެ ތުހުމަތުގައި މަހްލޫފަށް ދައުވާ އުފުލުމާ ގުޅިގެން ރޭ އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ޔޫތް މިނިސްޓްރީގެ ޕާސަނަލް އެސިސްޓެންޓް އަޒްމޫން އަހްމަދާއި ޕީޖީ ޝަމީމް ދައްކަވާފައިވާ ވާހަކަތަކެއްގެ ޗެޓް ލޮގް ހިއްސާ ކުރައްވާފައެވެ. އަދި އެ ނިންމުމަކީ ކަނޑައެޅިގެން ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން ހާމަވާނެ ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

އެ ޗެޓް ލޮގާ ގުޅިގެން "ދަ ޕްރެސް" އިން ޝަމީމް އާ ސުވާލު ކުރުމުން ވިދާޅުވީ އެ މައްސަލާގައި ވާހަކަ ދައްކަވާނީ ހަމައެކަނި ކޯޓުގައި ކަމަށާއި އިތުރު ކޮމެންޓެއް ދެއްވަން ނެތް ކަމަށެވެ.

އަޅުގަނޑުމެން ވާހަކަ ދައްކާނީ ކޯޓުގައި. މި ވަގުތަށް އިތުރު ކޮމެންޓެއް ނެތް،
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

މަހުލޫފްގެ ޓްވީޓުގައި ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ "ފުއްޕާވަރަށް އަދި ސައިޒުވާ" މިންވަރުގެ މައްޗަށް ކަމަށް ވިދާޅުވެ ވަނީ ފާޑުވިދާޅުވެފައެވެ. މީގެއިތުރުން މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި ކޯޓުގައި ހަގީގަތް ސާފުވާނެ ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަހްލޫފަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކުރައްވައި ވޯޓުދެއްވުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން 33،000 ޑޮލަރު ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ މަހްލޫފްގެ އެކައުންޓަށް ސެޕްޓެންބަރު 1، 2014 ދުވަހު ޖަމާކޮށްފައި ވާތީއެވެ.