އިތިއޯޕިއާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން ސިފައިންގެ ލަޝްކަރުތައް ލީޑް ކުރެއްވުމަށް އެ ގައުމުގެ ބޮޑުވަޒީރު އަބީ އަހްމަދު ނިންމަވައިފިއެވެ.
އިތިއޯޕިއާގެ ސަރުކާރާ އެގައުމުގެ ޓިގްރޭ ސަރަހައްދުގެ ބާޣީންނާ ކުރަމުންދާ ހަނގުރާމައިގައި ބާޣީންތައް ވަނީ އިތިއޯޕިއާގެ ގިނަ ސަރަހައްދުތަކެއް ހިފާފައެވެ. މީގެ އިތުރުން މި ހަނގުރާމައާއެކު އެގައުމުގެ ބައެއް އެހެން ސަރަހައްދުތަކުގައި އުޅޭ ބާޣީން ވެސް ވަނީ އިތޯޕިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފަށާފައެވެ.
މިކަމާ ގުޅިގެން އަބީ އަހްމަދު ވިދާޅުވެފައި ވަނީ ބާޣީންނާ ދެކޮޅަށް ނުކުމެ، ގައުމު ދިފާއު ކުރުމަށްޓަކައި އެގައުމުގެ ލަޝްކަރުތަކުގެ ލީޑަރެއްގެ ގޮތުގައި ނުކުންނަވާނެ ކަމަށެވެ. އަދި މި ހަނގުރާމައިގައި ވީހާ ވެސް ގިނަ ޒުވާނުން އެގައުމު ދިފާއު ކުރުމަށް ތެދުވުމަށް އޭނާ ގޮވާލެއްވިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބާޣީން ބޭނުން ވަނީ އިތިއޮޕިއާ ގެ ވެރިރަށް އެޑިސް އަބާބާ އެމީހުންގެ އަތްދަށަށް ގެނައުމަށެވެ. ބޮޑުވަޒީރު އަބީ އަހްމަދުގެ ސަރުކާރުން ޓިގްރޭ ސަރަހައްދުގެ ލޯކަލް ސަރުކާރު އުވާލާފައި ވާއިރު ބާޣީން ބޭނުންނުވާ ވެރިއަކު އެސަރަހައްދުގެ ވެރިއަކަށް ހަމަޖެއްސުމާއެކު ފެށުނު މި ހަނގުރާމައިގައި ބާޣީންނާއި އެގައުމުގެ އަސްކަރީ ލަޝްކަރާ ދެމެދު ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކޮށްފައެވެ.
މީގެ ފަސް މަސް ދުވަސް ކުރިން ފެށުނު މި ހަނގުރާމައިގައި މިހާތަނަށް 2.5 މިލިޔަން މީހުން ރެފިއުޖީންނަށް ވެ އިތުރުން 7 މިލިޔަން މީހުކު ވަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަން ޖެހި ކާބޯތަކެއްވަށް ބޭނުންވެފައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ހަމަލާ ބަދަލުކުރުންތަކުގައި މަރުވި މީހުންގެ އަދަދުވެސް އެތައް ހާހަކަށް އަރާފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.