ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާގެ މަގާމުގައި މިވަގުތު ހުންނެވި ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް އާ ދެކޮޅަށް، ގަތުލުއާންމުގެ ދައުވާ ހިންގުމަށް، ނޮބޭލް ސުލްހައިގެ އިނާމަށް ނޮމިނޭޓްވެފައިވާ އެމެރިކާގެ އިގުތިސޯދީ މާހިރު ޑޭވިޑް ސްޓީންމަން ގޮވާލައްވައިފިއެވެ.

ސްޓީންމަން ވަނީ، ދަ ހޭގްގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)އަށް މި ޝަކުވާ ހުށަހަޅުއްވާފައެވެ.

އައިސީސީއަށް ހުށަހެޅުއްވި ޝަކުވާގެ ބަޔާނުގައި ސްޓީންމަން ވިދާޅުވީ، ޑރ ޓެޑްރޯޒްއަކީ، އިތިއޮޕިއާގެ ރައްޔިތުން މެރުމަށާއި، ގާނޫނީ އިމުން ބޭރުން ހައްޔަރު ކުރުމަށާއި، ލާއިންސާނީ އަނިޔާ ދިނުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި ހަރަކާތުގެ ބައިވެރިއެއް ކަމަށެވެ.

އިތިއޮޕިއާގެ އުތުރުގެ ސަރަހައްދުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާރު ވަނީ ސަރަހައްދީ ހަނގުރާމައެއްގެ ކުލަ ޖެހެން ފަށާފަ / ފޮޓޯ: ހައިދަރުއާބާދު މޯނިންގް ޕޯސްޓް

ޑރ ޓެޑްރޯޒްއަކީ، 2013 ވަނަ އަހަރުން 2015 ވަނަ އަހަރުގެ ނިޔަލަށް، އިތިއޮޕިއާގެ ސަލާމަތީ ބާރުތަކުގެ ހިދުމަތްތައް ކޮންޓްރޯލް ކުރެއްވުމުގައި އިސްކޮށް ތިއްބެވި 3 އޮފިޝަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް އޮފިޝަލެވެ.

ޑރ ޓެޑްރޯޒް، 55، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ 3 އަހަރު ކުރިންނެވެ. ޑރ ޓެޑްރޯޒްއަކީ ސިއްހީ ދާއިރާގެ ސަނަދެއް ނެތި، އެ އިދާރާގެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރި ފުރަތަމަ އޮފިޝަލުވެސްމެއެވެ.

ނަމަވެސް، ޑރ ޓެޑްރޯޒް ވަނީ 2005 އިން 2012 ގެ ނިޔަލަށް އިތިއޮޕިއާގެ ސިއްހަތާ ބެހޭ ވަޒީރުކަން ކުރައްވާފައެވެ. އަދި 2016 ވަނަ އަހަރުގެ ނިޔަލަށް ހާރިޖީ ވަޒީރުކަންވެސް ކުރެއްވިއެވެ. އޭރު ވެރިކަން ހިންގި ކޯލިޝަންގެ މައިގަނޑު ކޮންޓްރޯލް އޮތީ، ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓަށެވެ.

އިތިއޮޕިއާގެ އަސްކަރިއްޔާއިން ފޯރިމަރަނީ/ފޮޓޯ: ރޮއިޓާޒް

ޑރ ޓެޑްރޯޒްއާއި ދެކޮޅަށް އައިސީސީއަށް ސްޓީންމަން ހުށަހެޅުއްވި ޝަކުވާގެ ބަޔާން ރިއާޔަތް ކުރައްވާފައި ވަނީ، 2016 ވަނަ އަހަރު އެމެރިކާ ސަރުކާރުން އެކުލަވާލި ރިޕޯޓަކަށެވެ. އެ ރިޕޯޓަކީ އިތިއޮޕިއާގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަން ކުރާ ރިޕޯޓެކެވެ. އެގޮތުން ސަލާމަތީ ބާރުތަކުގެ މައްޗަށް، މަދަނީ އިދާރާތަކުގެ ބާރު ނުހިނގާ ކަމަށާއި، ސަރަހައްދީ ފުލުހުންނާ ރަށްފުށުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ހަރަކާތްތެރި ވަމުން ދިޔައީ މިނިވަންކަންމަތީގައި ކަމަށް އެ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން އިދިކޮޅު ކެންޑިޑޭޓުންނާއި ސަޕޯޓަރުންނަށް ބިރު ދެއްކެވުމުގައި ޑރ ޓެޑްރޯޒް ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މީގެ ތެރޭގައި ގާނޫނީ އިމުން ބޭރުން ހައްޔަރު ކުރުމާއި، ޝަރުއީ މަރުހަލާއަށް ފެށުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ހައްޔަރުގައި ބޭތިއްބުން ފަދަ ކަންކަން ޑރ ޓެޑްރޯޒް ކުރެއްވި ކަމަށް، ސްޓީންމަންގެ ޝަކުވާގައި ތުހުމަތު ކުރައްވާފައިވެއެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ އިތިިއޮޕިއާގެ ސިއްހަތާ ބެހޭ ވަޒީރުކަން ކުރައްވާފަ / ފައިލް ފޮޓޯ: ސައެންސް

ސްޓީންމަން ވަނީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި އިތިއޮޕިއާގެ ޑިމޮކްރަސީ ހަރަކާތުގެ ހާރިޖީ މުޝީރު ކަމުގެ މަގާމުގައި 27 އަހަރު ހިދުމަތް ކުރެއްވިއެވެ. އެއީ މިހާރުގެ ބޮޑުވަޒީރު އަބީ އަހުމަދު އަލީގެ ލީޑާޝިޕްގެ ދަށުން، 2018 ވަނަ އަހަރު، އެ ހަރަކާތަށް ކާމިޔާބު ލިބުމާ ހިސާބަށެވެ.