ހަނގުރާމަ ގަދަވެފައިވާ އިތިއޮޕިއާގެ ތިގްރޭ ސަރަހައްދުގެ ބާޒާރަކަށް އަމާޒުކޮށްގެން ދިން ވައިގެ ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު 43 އަށް އަރައިފިއެވެ.
ވައިގެ ހަމަލާ ދީފައި ވަނީ، ތިގްރޭގައި، 33 ވަނަ ޝަހީދުންގެ ދުވަސް ފާހަގަ ކުރަމުން ދިޔަ މުނާސަބާއާ ދިމާކޮށެވެ. ތިގްރޭގެ ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، އިތިއޮޕިއާގެ ދާހިލީ ހަނގުރާމައިގެ ފަހުކޮޅު، ބާޒާރަކަށް ހަމަލާދީ، ހާހަކަށް ވުރެ ގިނަ މީހުން މަރާލި ހާދިސާ ހިންގި ދުވަހުގެ ހަނދާނުގައެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އެމީހުންނަށް ބޯޓެއް ނުފެނެއެވެ. ނަމަވެސް އޭގެ އަޑު އިވުނެވެ.
ކަން މިހެން އޮތް އިރު، މިއީ ހިނގި ހާދިސާއެއް ކަން ކަށަވަރު ކޮށްދެއްވުމަށް ނުވަތަ އެކަން ދޮގު ކުރެއްވުމަށް، އިތިއޮޕިއާ އަސްކަރިއްޔާގެ ތަރުޖަމާނު، ކާނަލް ގެޓްނެޓް އަޑާން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ވައިގެ ހަމަލާއަކީ އަސްކަރިއްޔާއިން ބޭނުން ކުރާ އާންމު އުކުޅެއް ކަމަށާ، ސަރުކާރުގެ ބާރުތަކުން މަދަނީ ފަރުދުންނަށް އަމާޒުކޮށްގެން ހަމަލާ ނުދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިތިއޮޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުގެ ތަރުޖަމާނުގެ ފަރާތުން ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ބުނެއެވެ.
ތިގްރޭގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެމެރިކާގެ ހާރިޖިއްޔާއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި އަނިޔާ ލިބުނު މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ކަށަވަރު ކޮށްދިނުމަށް، އިތިއޮޕިއާގެ ކަމާ ބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.
ހާދިސާގައި މަދަނީ ފަރުދުން މަރުވެފައި ވާއިރު، މިކަން ވަނީ، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒްގެ ސަމާލުކަމަށްވެސް އައިސްފައި ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވެއެވެ.
އިތިއޮޕިއާގެ އަސްކަރިއްޔާއިން، ތިގްރޭގެ ރަށްވެހިންނަށް އަމާޒުކޮށްގެން އެކި ކަހަލަ ޖަރިމާތައް ހިންގަމުން އަންނަ ކަމުގެ ރިޕޯޓްތައް ވަނީ އާންމު ވެފައެވެ. ތިގްރޭ ސަރަހައްދުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހަނގުރާމަވެރިން އުފުލަން ޖެހޭ ޒިންމާއެއް ކަމަށް، އިތިއޮޕިއާގެ މައި ސަރުކާރުން ވަނީ ބުނެފައެވެ.
ކަން މިހެން އޮތް އިރު، އިތިއޮޕިއާގެ ތިގްރޭ ސަރަހައްދު ބަނޑަށް ޖެހިފައި ވާ ކަމަށް އދއިން ވަނީ ކަނޑައަޅާފައެވެ.