އިތިއޮޕިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސޫދާންއަށް ހިޖުރަކުރާ ރެފިއުޖީންގެ އަދަދު އިތުރުވެ، ހޯން އެފްރިކާ ސަރަހައްދުގައި ވަރުގަދަ ހަމަނުޖެހުމެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ.

އިތިއޮޕިއާގެ އުތުރުގެ ސަރަހައްދުގައި ހިންގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތް ވުމަށް، ރެފިއުޖީންގެ ގޮތުގައި ސޫދާންއަށް އެތެރެވި މީހުންގެ އަދަދު މިހާރު 20000 އަށް އަރާފައި ވާ ކަމަށް ރެފިއުޖީންނާ ބެހޭ އދގެ އިދާރާއާއި ސޫދާންގެ އޮފިޝަލުން ވަނީ ހާމަ ކުރައްވާފައެވެ.

ނޮވެމްބަރު މަހުހެ 7 ވަނަ ދުވަހާ 14 ވަނަ ދުވަހާ ދެމެދު، ހަމްދާޔަތު ސަރަހައްދުން 12500 މީހުން، އަދި އަލް-ލުގުދީއޭ ކިއުނު ސަރަހައްދުން، ގާތްގަނޑަކަށް 7500 އެއްހާ މީހުން ހުރަސް ކޮށްފައި ވާ ކަމަށް، އދގެ އިދާރާގެ ތަފާސް ހިސާބުތައް ދައްކައެވެ.

ހޮނިހިރު ދުވަސް ނިމުނު އިރު، ސޫދާންއަށް އެތެރެވި ރެފިއުޖީންގެ އަދަދަކީ 24944 ކަމަށް، ސޫދާންގެ ރެފިއުޖީ ކޮމިޝަނުން ބުނެއެވެ.

ސޫދާންއާއި އދގެ އިދާރަތަކުން ދަނީ ކުޑަ މުދާކޮޅެއް ނުވަތަ އެއްވެސް ވަރެއްގެ މުދާ ކޮޅެއް ނުލާ ސޫދާންއަށް އެތެރެ ވަމުން ދާ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އިތިއޮޕިއާގެ އުތުރުގެ ސަރަހައްދުގައި ހަމަނުޖެހުން ހިންގަމުންދަނީ، ސަރަރަހައްދީ ސަރުކާރު ހިންގާ ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްއެފް)ގެ ފައުޖުތަކާ، އިތިއޮޕިއާގެ ފެޑަރަލް ސަރުކާރުގެ ސަލާމަތީ ބާރުތަކާ ދެމެދުގައެވެ.

އިތިއޮޕިއާގެ އަވަށްޓެރި އެރިޓްރިއާގެ ވެރިރަށް އަސްމަރާއަށް، ޓީޕީއެލްއެފްއިން ރޮކެޓް ހަމަލާ ދީފައި ވާ ކަމަށް، ޓީޕީއެލްއެފްގެ ލީޑަރު ވަނީ އިއުލާން ކޮށްފައެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި ޓީޕީއެލްއެފްގެ ބާރުތަކާ ދެކޮޅަށް، އިތިއޮޕިއާގެ ސަރުކާރާއެކު އެރިޓްރިއާގެ އަސްކަރިއްޔާގެ 16 ޑިވިޝަނަކުން ދަނީ ހަރަކާތްތެރި ވަމުންނެވެ. ނަމަވެސް އިތިއޮޕިއާއާއި އެރިޓްރިއާގެ ސަރުކާރުން މި ތުހުމަތު ދޮގު ކުރެއެވެ.

އިތިއޮޕިއާގައި ދާހިލީ ފެންވަރުގައި ހިންގަމުންދާ ހަމަނުޖެހުންތައް 2 ހަފުތާއެއްހާ ދުވަހަށް ދިގުލާ ގޮސްފައި ވާއިރު، އެތައް ސަތޭކަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިހާރު މި ވަނީ ސަރަހައްދީ ހަނގުރާމައެއްގެ ތުންފަތް މައްޗަށް ވެއްޓިފައި ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ.